ކޯވިޑް-19 އިން ރައްކާރެތިވުމުގެ ގޮތުން ދިއްދޫ ފުރަބަންދުކޮށްފައި އޮތް އޮތުން މާދަމާ، 25 މޭ 2020 ވަނަ ދުވަހު ވަހުގެ ހަވީރު 6:00 އިން ފެށިގެން ނިމުމަކަށް ގެންނަން ދިއްދޫ ކައުންސިލުން ނިންމައިފިއެވެ.
ދިއްދޫ ކައުންސިލުން ބުނީ ކޯވިޑް-19 އިން ރައްކާރެތިވުމުގެ ގޮތުން ދިއްދޫ ފުރަބަންދުކޮށްފައި އޮތް އޮތުން، 25 މޭ 2020 ވަނަ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން އުވާލުމަށްފަހު، މިހާރު އަޅާފައިވާ ބައެއް ފިޔަވަޅުތައް އިތުރަށް ކުރިޔަށް ގެންދިއުމަށް ނިންމާފައި ވާކަމަށެވެ.
ފުރަބަންދު އުވާލުމަށްފަހު ރައްކާތެރިވެ ތިބުމުގެގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި ސަމާލުކަން ދޭންވީ ކަންކަން
- ދިއްދޫން އެހެން ރަށްރަށަށް ދިއުމާއި އަދި އެހެން ރަށްރަށުން ދިއްދޫއަށް އައުމުގެ ކުރިން ކައުންސިލުގެ ހުއްދަ ހޯދުން.
- ރަށް ރަށަށް ދިއުމާއި މަސްވެރިކަމާއި، ވަދު އަޅަން ދިއުމާއި، ފަރުމަހަށް ދިއުމާއި އަދި ވެލިނެގުން ފަދަ ކަންކަމުގައި ރަށުން ފުރުމުގެ 1 ދުވަސް ކުރިން ކައުންސިލުގެ ހުއްދަ ހޯދުން، ހުއްދަ ދޫކުރާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށެވެ.
- ރަށުގެ ޕާކުތަކާއި، ފިނިމައިޒާންތަކާއި، ސްވިމިން ޓްރެކް އަދި ކުޅިވަރު ކުޅޭ ތަންތަން ވަގުތީގޮތުން ބަންދުކޮށްފައި ބެހެއްޓުން.
- ހޮޓާ، ރެސްޓޯރެންޓު އަދި ކެފޭތަކަށް ވަނުމުގެ ކުރިން އަތްދޮވުމަށް ސަމާލުކަން ދިނުމާއި އަދި އެފަދަ ތަންތަން ހިންގާ ފަރާތްތަކުން އަތްދޮވެވޭނެ އިންތިޒާމް ހަމަޖެއްސުމާއިއެކު އަތް ދޮންނާނެ ގޮތުގެ އިރުޝާދު ފެންނާނެހެން ހަރުކޮށްފައި ބެހެއްޓުމަށް ސަމާލުކަން ދިނުން.
- ޢާއްމު ދިރިއުޅުމުގައި ގައިދުރުކަން ބެހެއްޓުމާއި އަދި ގުރޫޕް ހަދައިގެން އެއްވެސް ޙަރަކާތެއް ނުހިންގުން.
- ޢުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންނާއި ޢުމުރުން 55 އަހަރުން މަތީ ޢުމުރުގެ މީހުން އަދި
- ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުން، ގިނަމީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން.
- އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިން ފިނިބުރު ޖެހުމަށް ނުގެންދިއުން.
- ގިނަގިނައިން އަތްދޮވުމާއި ޢާއްމު ސާފުތާހިރުކަމަށް އިސްކަންދީގެން ޢުޅުން.
- ޢާންމު ސިއްޙަތާއި ގުޅޭގޮތުން އެޗްޕީއޭ އިން ނެރުއްވާފައިވާ ގައިޑުލައިން ތަކުގައިވާ ކަންކަން ފަރުދީގޮތުން ތަންފީޒު ކުރުމަށް ސަމާލުކަން ދިނުން.
ފުރަބަންދު އުވާލާ ވަގުތާއި ހަމައަށްވެސް ނަމާދު ކުރުމަށް މިސްކިތަށް ދިއުން ފިޔަވައި ގިނަ މީހުން އެއްވެ ނޫޅުމަށާއި، އަދި މީހުން ޖަމާވާ ތަންތަނަށް ނުދިއުމަށް ރައްޔިތުންނަށް އިލްތިމާސް ކުރާކަމަށްވެސް އެކައުންސިލުން ވަނީ ބުނެފައެވެ.
ހުސްވި އޭޕްރިލްމަހުގެ 25 ވަނަ ދުވަހު އެޗްޕީއޭއިން ދިއްދޫ މޮނިޓަރިންގ ހާލަތަށް ގެނައުމަށް ފަހު، މި މޭ މަހުގެ 2 ވަނަ ދުވަހު އެރަށްވަނީ މޮނިޓަރިންގ ހާލަތުން ނަގައިފައެވެ.
އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތުން ނެގިނަމަވެސް އެޗްޕީއޭއިން ކައުންސިލްތަކަށް ދީފައިވާ ބާރުގެ ދަށުން ދިއްދޫގައި ކޮށްފައިވާ ފުރަބަންދުގެ މުއްދަތު ދިއްދޫ ކައުންސިލުން ވަނީ މިހާތަނަށް ދަމަހައްޓާފައިއެވެ.
ހއ. ދިއްދޫ ކޯވިޑް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ލަފާގެ މަތީން އެރަށު ކައުންސިލުން އެ ރަށުގެ ފުރަބަންދުގެ މުއްދަތު އެންމެ ފަހުން އިތުރު ކުރީ 25 މެއި 2020 ގެ ހަވީރު 6:00 ގެ ނިޔަލަށެވެ. އެކައުންސިލުން ވަނީ އެރަށުގެ ފުރަބަންދުގެ މުއްދަތު ހަތަރު ފަހަރެއް މަތިން އިތުރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!