މިއީ، މީގެ އެތައް ސަތޭކަ އަހަރެއް ކުރީން ދިވެއްސަކު އަތުން ލިޔެ ޖަމާކޮށްފައިވާ ޤުރުއާން ފޮތްފޮއްޓެކެވެ.
30 ޖުޒުއު ވަކީން 30 ފޮތުގައި ލިޔެ، ކޮންމެ ފޮތެއްގެ ފެށުމުގައި މުސްކުޅި ތާނައަކުރަކުން އެއް ޞަފްޙާގެ ތަޢާރަފެއް ލިޔެފައިވެއެވެ.

މިޒަމާނު މީހަކަށް ދޭހަވާން އުނދަގޫ ގޮތްތަކެއް ހުރި ކަމުގައި ވިޔަސް، މި ލިޔެފައިވަނީ "އިހަވަންދޫ އިބްރާހީމް މުސްކުޅި ދޮންކަލޯ" ނަމަކަށް ކިޔާ ބޭކަލެއްކަން ދޭހަވެއެވެ. އަދި އިހަވަންދޫ މާ މިސްކިތަށް ފޮތްބައި ވަޤުފުކޮށް "ޢުޘްމާނު ކަލޯ" ނަމަކަށް ކިޔާ މީހަކަށް އެ ބަލަހައްޓަން ޙަވާލުކުރިކަމަށް ލިޔެފައިވެއެވެ.

މިސްކިތު ވަޤުފަކަށްވާތީ، މި މިސްކިތުން މިފޮތްފޮށި ބޭރުކޮށް ދާރުލް އާޘާރަކަށް ގެންދެވިގެން ނުވާނެ ކަމަށް ބެލެވެއެވެ.

ޤުރުއާން ލިޔެފައިވަނީ ރީތި ޢަރަބި ލިޔުމަކުންނެވެ. ސޫރަތް ފެށޭ ތާނގައި ސޫރަތުގެ ނަމާއި އާޔަތްތަކުގެ ޢަދަދާއި މައްކީ ނުވަތަ މަދަނީ ސޫރަތެއްކަން ބަޔާންކޮށްފައިވެއެވެ. މި ބައިތައް ލިޔެފައިވަނީ ރަތްދެލިންނެވެ. ޤުރުއާނުގެ ބައިތައް ލިޔެފައިވަނީ ކަޅުދެލިންނެވެ.

އާޔަތް ފާހަގަކުރަން ބޮޅެއް ބޭނުންކޮށްފައިވެއެވެ. ސަޖިދަ ވަޅުތައް ހަވާސާގައި ބަޔާންކޮށްފައިވެއެވެ. އަދި ތަޖުވީދުގެ ބައެއް ޙުކުމްތަކަށްވެސް ޢިޝާރާތްކޮށް ފާހަގަކޮށްފައިވެއެވެ.

މި ޤުރުއާން ލިޔުނު އަހަރެއް ވަކި ފާހަގައެއް ނުކުރެވުނެވެ. އެހެނަސް އެ ފޮތް ފޮށީގައި މި ޤުރުއާނުގެ އިތުރުން ކަހުފު ސޫރަތް ފޮތްބައެއްވެސް އޮތެވެ. މިއީ އޭގެ ފަހުން ލިޔެވުނު އެއްޗެއް ކަމަށް ބެލެވެއެވެ.

މި ކަހުފު ފޮތްބައި ލިޔުނު ކަމަށް ޢަރަބިން ލިޔެފައިވަނީ ނަބީކަލޭގެފާނުގެ ހިޖުރައިން 1300 ވަނަ އަހަރުއެވެ. (ޢަރަބި ޢަދަދުން އެކަމަކު ލިޔެފައިވަނީ 1355 ކަމަށްވެސް މީހަކަށް ކިޔިދާނެއެވެ.) މި ކަހުފު ފޮތްބައި ލިޔުއްވި ބޭކަލަކީ ނޮޅިވަރަމް އުސްތާޛު އާދަމް ބިން ޙަސަން ކިޔާ ބޭކަލެކެވެ.

މި ފޮތް ފޮށި އަޅުގަނޑަށް ދެއްކެވީ ހއ. އިހަވަންދޫ އާޘާރީ މިސްކިތް ބަލަހައްޓަވާ އަލްފާޟިލް ޢަބްދުއްރަޝީދު މުޙައްމަދެވެ. (ޝައިޚް ޢަބްދުލްޤާދިރު މުޙައްމަދުގެ ބޭބެ)

ރަތްކުލައިގެ ބަނޑޭރިގަނޑުގައި އެވަނީ ޤުރުއާން ފޮތްބައިގެ 30 ފޮތެވެ. ނޫކުލައިގެ ބަނޑޭރި ގަނޑު ލައިފައި ވަނީ ކަހުފު ސޫރަތް ފޮތްބައެވެ.
ނޯޓް: މިއީ 2019 ވަނަ އަހަރު ހާތިމް ޔޫސުފް ލިޔެފައިވާ ލިޔުމެކެވެ. ފޮޓޯ ހިއްސާކުރެއްވީވެސް ހާތިމް ޔޫސުފް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!