އިންޑިޔާގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު މިހިނގާ މޭ މަހުގެ 31 ގެ ނިޔަލަށް އެ ޤައުމުން ދިގު ދަންމާލައިފިއެވެ.
ކުރިން އެ ޤައުމުގައި ޢިއުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު އޮތީ ރޭ މެންދަމަށް ހަމަވާ ގޮތަށެވެ. ނަމަވެސް އެ ޤައުމުން މިވަނީ އިތުރު 2 ހަފްތާއަށް އެ ޤައުމުގެ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.
އިންޑިއާގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ، ކުރިއަށްއޮތް ދެ ހަފްތާއަށް އައު އުސޫލުތަކެއް އެކަށައަޅައި އިޢްލާން ކޮށްފައެވެ. އިގްތިސާދީ މަސައްކަތްތައް ހުޅުވާލުމުގެ ކަންކަން މުތާލިއާ ކުރަމުން ގެންދާނޭ ކަމަށްވެސް އޭގައި ބުނެފައި ވެއެވެ.
އިންޑިއާގެ ފުރަބަންދު މުއްދަތު އިތުރުކުރި އެންގުމުގައި ވަނީ އެ ޤައުމުގެ މަދަރުސާތަކާއި ވިޔަފާރި މަރުކަޒުތަކާއި ޢާންމުން އެއްވެއުޅޭ ޕާކުފަދަ ތަންތަން ފުރަބަންދުގެ މުއްދަތުގައި ބަންދުވާނެކަމަށާއި ބޮޑެތި އެއްވުންތައް ބޭއްވުން މަނާވާނެކަމަށެވެ. ނަމަވެސް، ޙާލަތު ރަނގަޅު ސަރަޙައްދުތަކުގައި ފުރަބަންދުގެ އުޞޫލުތަކަށް ލުއިތަކެއް ދޭނެކަމަށެވެ. ޙާލަތު ރަނގަޅު ސަރަޙައްދުތައް ކަނޑައަޅާނީ އެ ސަރަޙައްދުތަކުގެ އިދާރާތަކުންކަމަށްވެސް ބުނެފައިވެއެވެ.
އިންޑިއާގެ މީޑިއާއިން ބުނެފައިވަނީ، ވައިގެ މަގުން ދަތުރުފަތުރުކުރުމާއި، ރޭލާއި މެޓްރޯގެ ޚިދުމަތް މެއިމަހުގެ ނިޔަލަށް މުޅި އިންޑިއާގައި ބަންދުވާނޭ ކަމަށެވެ.
ގާތްގަނޑަކަށް ދެމަސްވާން ކައިރި ވެފައިވާ އިންޑިއާގެ ފުރަބަންދުގެ ހާލަތަށް އެގައުމުން ލުއިތަކެއް ދޭންފަށާފައިވަނީ މެއިމަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ.
އިންޑިއާއިން ކޯވިޑް-19 ބަލި ޖެހުނު މީހުންގެ އަދަދު، މި ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާއަށްވުރެ މިހާރުވަނީ އިތުރުވެގެން ގޮސްފައެވެ. އިންޑިއާއިން ކޯވިޑް-19 ބަލި ޖެހުނު މީހުންގެ އަދަދު 95،698 އަށް އަރާފައި ވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 3،025 އަށް އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!