މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ށ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ނެރެފައިވާ ޔެލޯ އެލާޓު ގެ ވަގުތު މިއަދުގެ 15:00 އަށް އިތުރުކޮށްފިއެވެ. މިއާއިއެކު ކަނޑުދަތުރުފަތުރު ކުރާއިރު މޫސުމަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ އެދިފައެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ، މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްރަވަކަށް ވާތީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.

Ad
rt

މެޓް އޮފީހުން ލަފާކޮށްފައި ވަނީ އެ ސަރަހައްދުތަކުގައި ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގައި ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

މި ދުވަސްވަރު ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ސަރުކާރުން އޮތީ މަނާކޮށްފަ އެވެ. ދަތުރު ކުރެވެނީ ކަމާ ބެހޭ ފަރާތްތަކުގެ އުޅަނދުތަކާއި ހާއްސަ ހުއްދައެއް ހޯދައި އާންމު އުޅަނދުތަކަށެވެ. އެގޮތުން ގިނަރަށް ރަށުގައި މަސްވެރިކަން ކުރަން ނިކުންނަ އުޅަނދުތައް ގިނަކަން ފާހަގަކޮށްލެވެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ބަޔެއް ސަރަހައްދު ތަކުގައި ފެންބޮޑުވެފައި ވާއިރު މިއަދު މާލޭގައިވެސް ވަނީ ވައިގަދަ ވުމުގެ ސަބަބުން ބަޔެއް ސަރަހައްދުތަކުގައި ހުރި ގަސްތަކެއް ވެއްޓިފައެވެ. މީގެ އިތުރުން ށ. ބިލެއްފަހީގައިވެސް ވަނީ ވައިގަދަ ވުމުގެ ސަބަބުން ގެއްލުން ތަކެއް ހިނގާފައެވެ.