މިއަދު ފަތިހުގެ ވަގުތެއްގައި އައި ބާރުގަދަ ކޮޅިގަނޑެއްގައި ށ. އަތޮޅު ބިލެއްފައްސަށް ބޮޑެތި ގެއްލުން ތަކެއް ވެފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ބިލެއްފަހީ ކައުންސިލްގެ ރައީސް ޢަބްދުﷲ ޒިޔާދު ވިދާޅުވީ މިއަދު ފަތިހު އައި ކޮޅިގަނޑުގައި 2 ބަނބުކެޔޮ ގަސް މުލުން ލުހިގެން ވެއްޓިފައިވާކަމަށެވެ. އަދި އެކި ސަރަހައްދު ތަކުގައި ހުރި ފަތްކޭލާއި ފަޅޯ ގަސްތަކަށް ގެއްލުން ލިބިފައިވާކަމަށާއި ގެޔެއްގެ ބަދިގޭ ފުރާޅު އެއްލައިލާފައިވާކަމަށް ޒިޔާދު ވިދާޅުވިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާކަމަށާއި ފަތިހުން ފެށިގެން ދަނީ ވާރޭ ވެހެމުން ކަމަށް މަޢުލޫމާތު ދީފައި ވެއެވެ.

Ad
rt

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އިތުރަށް ބާރު ގަދަވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން އެސަރަހައްދުގެ އަތޮޅުތަކަށް ވަނީ ޔެލޯ އެލާޓްނެރެފައެވެ. ޔެލޯ އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެސަރަހައްދުތަކުގެ ޢާއްމު ވައި އުޅޭނީ ގަޑިއަކު28 މޭލާއި 35 މޭލާ ދެމެދުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށެވެ.

ކުރިއަށް އޮތް ވަގުތުތަކަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ.

“އުތުރުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 7 މޭލާ 16 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާ 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވޭ.” މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި، މެދުތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް އަދި ވިލާގަނޑުގައި ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އިތުރަށް ގަދަވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

“ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް. އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެއް.” މެޓް އޮފީހުން ވިދާޅުވިއެވެ.