"ތަކަފަތި ކަމަކަ" އަކީ ށ. މާއުނގޫދޫ އަށް އުފަން އުމުރުން 21 އަހަރުގެ އިބްރާހީމް ޒަޔާން އާއި އެރަށުގެ ޒުވާން ކުދިންކޮޅެއްގެ ބުރަ މަސައްކަތުން ގެނެސްދީފައިވާ ވަރަށް ޝައުގުވެރި "ފޮޓޯއިން ވާހަކަ" އެކެވެ. ށ. މާއުނގޫދޫގެ ހިތްގައިމު ވަލު ތެރޭގައި ގަނާފައިވާ މަންޒަރު ތަކެކެވެ. އެރަށުގެ ކުއްޅަވަށް ފަލުގެ ހިތްގައިމު މަންޒަރުތައް ދައްކުވައިދީފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ.
ހޮބީއެއްގެ ގޮތުގައި ފޮޓޯ ނަގަންފެށި ޒަޔާން މި ފޮޓޯ ސްޓޯރީއާއި ގުޅެގޮތުން ވާހަކަ ދައްކަމުން ބުނެފައިވަނީ "ތަކަފަތި ކަމަނަ" އަކީ ހިޔާލީ ވާހަކައެއް ކަމަށެވެ. މިފޮޓޯ ޝޫޓުގެ ކޮންސެޕްޓް ތައްޔާރުކޮށްފައިވަނީ އަލީ މުނައްވަރު އާއި ޒަޔާންއެވެ. މޭކަޕް ކޮށްދީފައިވަނީ ފާތުން ޔުމް އާއި ފާތިމަތް ނަޝާތް އެވެ.

ފަރިކަމާއި ނަލަކަމުގެ ލާމަސީލު މިސާލެއްފަދަ ޒުވާންފުރައިގެ އަންހެންކުއްޖެއްގެ ބައި ކުޅެދީފައިވަނީ ޝަކީލާ ލަހުފާއެވެ. އަހަންމައިދީއާއި އީސާމަނިކެ ގެ ބައި ކުޅެދީފައިވަނީ އަބްދުﷲ އަމާން އާއި އަބްދުﷲ ސާނިފްއެވެ. "ތަކަފަތި ކަމަނަ" ހިޔާލީ ވާހަކަ ލިޔެދީފައިވަނީ އިރުފާމް މުޙައްމަދުއެވެ. މިހުރިހާ ކުދިންނަކީވެސް ށ. މާއުނގޫދޫއަށް އުފަން އެރަށު ކުދިންނެވެ.

ކުރިމަގުގައި ޕްރޮފެޝަންއެއްގެ ގޮތުގައި މިކަން ކުރުމުގެ އަޒުމުގައި ހުރި ޒަޔާންބުނެފައިވަނީ މި ވާހަކައިގެ ދެވަނަބަޔެއްވެސް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

”ވަރަށް ގިނައިންފެނޭ އެހެން މީހުން މިކަހަލަ ފޮޓޯ ޝޫޓް ނަގާފަ ހުންނަތަން.. އަދި އަލަށް މިނެގީ މިކަހަލަ ޝޫޓެއް.. އެކަމަކު ވަކި ސްޓޯރީއަކަށް ބޭސްކޮށްފަ ހުންނަތަން ވަރަށް ނުފެނޭ.. އެ ފޮޓޯތަކާއި އެކު މީޙުން ޝައުގުވެރިވާނެހެން ވާހަކައެއް ހުށައަޅައިދެވޭދޯ ބެލީ.. …“
”ތަކަފަތި ކަމަނަ“ ކޮންސެޕްޓަށް ފޮޓޯ ޝޫޓެއް ނަގަން ޚިޔާލުއައި ގޮތް ކިޔައިދެމުން ޒަޔާން ބުނެފައިވެއެވެ.

”ތަކަފަތި ކަމަނަ“ ފޮޓޯޝޫޓް ނެގުމުގައި ޒަޔާންގެ މަންމަ އާއި ބައްޕަ އަދި އޭނާގެ ގާތް ރަހުމަތްތެރިންގެ އެހީތެރިކަން ވަރަށްބޮޑަށް ލިބުނުކަމަށް ޒަޔާން ބުނެފައިވެއެވެ
ފޮޓޯތަކުގައި ބޭނުންކޮށްފައިވާ މުޅޯއްޓަކީ މަންމަ އާއި ބައްޕަގެ މަސައްކަތް. މިހާތަނަށް އައިއިރު ވަރަށްބޮޑު ތަރުހީބެއް ލިބިއްޖެ.. ލިބުނު ތަރުހީބާއި ފާޑުކިއުންތަކަށް ބަލާފަ މީގެ ދެވަނަ ބައި ގެނައުމަށް މިހާރު މިދަނީ މަސައްކަތް ކުރަމުން“
ޒަޔާން ބުނެފައިވެއެވެ.
20 ފޮޓޯގެ މައްޗަށް އެކުލެވޭ މިވާހަކަ ފޭސްބުކްގައި ދިވެހި ބަހުގެ އިތުރުން އިނގިރޭސިބަހުންވެސް ވަނީ ލިޔެފައެވެ. ޒަޔާން ބުނީ އެވާހަކަ އިނގިރޭސިބަހުން ލިޔެދީފައިވަނީ އެއިނާގެ އެކުވެރިއެއްކަމަށްވާ އިބްރާހިމް މުއިއްޒު ކަމަށެވެ.

މާއުނގޫދޫގެ މިޒުވާނުންގެ މިމަސައްކަތަށް ވަރަށް ގިނަބަޔެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. މީސްމީޑިޔާގައި ގިނަބަޔަކު ދަނީ މި ފޮޓޯތައް ޝެއަރ ކުރަމުންނެވެ. މިވާހަކަ ކިޔާލެވޭނީ ޒަޔާންގެ ފޭސްބުކް ޕޭޖުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!