މާލެ ސިޓީ ފިޔަވައި ދެން ހުރި ސިޓީތަކާއި، ރަށްތަކުގައި ޟަރޫރީ ބޭނުންތައް ފުއްދުމަށް ގޭބިސީތަކުން ބޭރަށް ނުކުމެ ވިޔަފާރިކުރުމަށް ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކާއި ވިޔަފާރިކުރާ ތަނާއި ވިޔަފާރިކުރަންދާ ފަރާތުން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު ކަނޑައެޅުމުގެ ބާރު އެ ސިޓީތަކާއި، ރަށްތަކުގެ ކައުންސިލުން އިކޮނޮމިކް މިނިސްޓްރީއިން ދީފިއެވެ.
އެގޮތަށް ކަނޑައަޅާފައިވާ ކަން އެ މިނިސްޓްރީއިން ހާމަ ކުރެއްވީ މާލެ ސިޓީ ފިޔަވައި، މީހުން ދިރިއުޅޭ ރަށްތަކުގައި، ޟަރޫރީ ބޭނުންތައް ފުއްދުމަށް ގޭބިސީތަކުން ބޭރަށް ނުކުމެ ވިޔަފާރިކުރުމަށް ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކާއި ޢަމަލުކުރަންވީ ގޮތާއި ގުޅޭ ގޮތުން އެ މިނިސްޓްރީއިން މިއަދު ނެރުނު ޢިއުލާނެއްގައެވެ.
އެމިނިސްޓްރީއިން ބުނެފައިވަނީ އެ ގޮތަށް ވިޔަފާރިކުރާ ތަނާއި ވިޔަފާރިކުރަންދާ ފަރާތުން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު ކަނޑައަޅަންވާނީ ހާލަތަށް ރިއާޔަތް ކޮށްގެން ކަމަށެވެ.
އެ ޢިއުލާންގައި ބުނެފައިވަނީ ޤާނޫނު ނަންބަރު: 2012/7 (ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކުރުމާ ގުޅިގެން، މާލެ ސިޓީ (މާލެ، ހުޅުމާލެ އަދި ވިލިމާލެ) ފިޔަވައި މީހުން ދިރިއުޅޭ ރަށްތަކުގައި، ޟަރޫރީ ބޭނުންތައް ފުއްދުމަށް ގޭބިސީތަކުން ބޭރަށް ނުކުމެ ވިޔަފާރިކުރުމަށް ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކާއި ވިޔަފާރިކުރާ ތަނާއި ވިޔަފާރިކުރަންދާ ފަރާތުން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު ކަނޑައަޅާނީ، އެއިރެއްގެ ޙާލަތަށް ރިޢާޔަތްކޮށް، ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލުން ނުވަތަ ރަށެއްގައިނަމަ، ރަށު ކައުންސިލުން ކަމަށެވެ.
އެހެންކަމުން ޟަރޫރީ ބޭނުންތައް ފުއްދުމަށް ގޭބިސީތަކުން ބޭރަށް ނުކުމެ ވިޔަފާރިކުރާއިރު، ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލުން ނުވަތަ ރަށެއްގައިނަމަ، ރަށު ކައުންސިލުން ނެރޭ އެންގުމާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވާ ކަމަށް އެ ޢިއުލާންގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!