ދަނޑުވެރިކަމަކީ ރާއްޖޭގެ ހުރިހާ ރަށްތަކެއްގައިވެސް ކުރަމުން އަންނަ މަސައްކަތެކެވެ. މި މަސައްކަތް އެކި ރަށްތަކުގައި ކުރަމުންގެންދަނީ ތަފާތުގޮތްގޮތަށެވެ. މިގޮތުން ދަނޑުވެރީން ހައްދައި ލިބޭ ތަކެތި އެހެން ފަރާތްތަކައް ފޯރުކޮށްދެވޭ މިންވަރަކަށް އުފެއްދިފައެއް ނުވެއެވެ. ނަމަވެސް މަދުންނަމަވެސް މާލޭ މާރުކޭޓުން ފަތްކޭލާއި ކުކުޅު ހާލާއި ދާއިމީގޮތެއްގައި ލިބެން ހުންނަތަން ފެނެއެވެ. ދަނޑުވެރިކަން އެކަށީގެންވާ ގޮތެއްގައި ނުކުރެވޭ ސަބަބަކީ މި މަސައްކަތަކީ ހަމައެކަނި ހުޅަނގު މޫސުމުގައި ކުރެވޭ މަސައްކަތަކަށް އެޒަމާނުގައި ވާތީއެވެ. ސަރުކާރުން ދަނޑުވެރިކަމަށް އަޅާލަންފެށުނީ ދިވެހިރާއްޖެ މިނިވަންވެ ރައްޔިތުންގެ ވެރިކަމަކަށް މަގުފަހިވެގެން އަންނަން ފެށިފަހުންނެވެ.

ޒަމާން ބަދަލުވެ ދުވަސްތައް މާޒީވެ ދިވެހިރާއްޖެ ޖުމްހޫރިއްޔަތަކައް ބަދަލުވެ ރައީސް އަލްފާޟިލް އިބްރާހިމް ނާސިރު ރާއްޖޭގެ ރައީސްކަން ކުރެއްވި ދުވަސްވަރު މިނިސްޓްރީ އޮފް އެގްރިކަލްޗަރއާއި އެފް. އޭ. އޯ. އާއި ގުޅިގެން ހިންގެވި މަސްރޫޢުއެއްގެ ދަށުން ވައިކަރަދޫގައި ވަރަށް ބޮޑު ދަނޑުވެރިކަމުގެ މަސްރޫޢު ތަކެއް ހިންގިއެވެ.

Ad
rt

މި މަސްރޫޢު އަކީ ރާއްޖޭގެ ގިނަ ރަށްތަކެއް ޓެސްޓް ކުރުމަށް ފަހު އިންޑިއާގެ ނިއުދިއްލީ އިން އެގްރިކަލްޗަރއާއި އެފް. އޭ. އޯ. އާއި ގުޅިގެން ސަރުކާރުން ފޮނުވައިގެން ވަޑައިގެންނެވި ދަނޑުވެރިކަމާއި ބެހޭ މާހިރެއް ކަމުގައިވާ މިސްޓަރ ބުޓާނީ އަށް އެންމެ ރަނގަޅު ރަށެއްގެ ގޮތުގައި ވައިކަރަދޫ ކަމަށް ނިންމެވުމުންނެވެ. މި މަސައްކަތް ހިންގުމުގައި އޭނާ އެންމެ ބޮޑަށް ސަމާލުކަންދީފައިވަނީ ދަނޑުވެރިކަން ބަޔަކަށް ދަސްކޮށްދެވޭ ތޯއެވެ. އެކަމުގެ ނަތީޖާ ވަރަށް ރަގަޅަށް ވައިކަރަދޫގެ ފަސްގަޑުން ފެނުނެވެ. މިމަސައްކަތުގައި ގިނައިން ހަރަކާތް ތެރިވެއުޅުނީ ވައިކަރަދޫ ދަނޑުވެރިންނެވެ. މިކަމުންވެސް ގިނަބަޔަކު ތަމްރީނު ތަކާއި މަސައްކަތްތަކެއް ދަސްވެގެން ދިޔަކަން ކަށަވަރެވެ. މި މަސްރޫޢު ވައިކަރަދޫގައި ހިންގީ 1969ގައެވެ.

މި މަސްރޫޢުގެ މަސައްކަތް ހިންގުމައްޓަކައި ވައިކަރަދޫ ރައްޔިތުންނާއި ރަށުގެ އިސް ވެރިން ސަރުކާރަށް އެހީތެރިވުމުގެ ގޮތުން އޭރު ވައިކަރަދޫ އޮފީސް ހިންގަމުން ގެންދިޔަ ޢިމާރަތް " ރައްވެހިގެ " މި މަސްރޫޢުގެ މަސައްކަތް ހިންގުމަށް ސަރުކާރުން ފޮނުއްވެވި ޓީމު ތިބުމަށް ދެއްވީ އެއްވެސް ކުއްޔަކާއި ނުލައެވެ. އޮފީސް ހިންގެވުން އޭރު ވައިކަރަދޫގައި ފަޅުގެއެއްގެ ގޮތުގައި ހުރި ޗަނބޭލީގެއަށް ވަގުތީގޮތުން އޮފީސް ބަދަލުކުރެވުނެވެ.

މި މަސްރޫޢުގެ މައިގަޑު މަޤުސަދަކީ ރާއްޖޭގެ ރަށްތަކުގައި ކުރެވޭނީ ކޮން ބާވަތެއްގެ ދަނޑުވެރި ކަމެއްތޯ ބެލުމެވެ. ޓެސްޓް ކުރުމުގެ ގޮތުން ފުރަތަމަ ހެއްދީ ހަނޑޫ، ހަކުރު (އުއްދަޑި) ގޮދަން، ބިންބި، ކުދިބަތް، މިރުހެވެ. މީގެ އިތުރުން ތަރުކާރީގެ ހުރިހާ ބާވަތެއް ހިމެނޭ ގޮތަށް ކުރެވުނު މަސައްކަތްތަކެކެވެ. ދެވަނަ ބުރުގައި ކުރެވުނު މަސައްކަތަކީ އެކި ބާވަތް ބާވަތުގެ ބަދަނާއި އެކި ބާވަތްތަކުގެ ތޮޅިއާއި ތަރުކާރީގެ ބާވަތްތަކެވެ. މިގޮތުން ސަރުކާރަށް ޔަޤީން ކަމެއް ލިބުނީ ތަރުކާރީގެ ކޮންމެ ބާވަތަކީ ރާއްޖޭގެބިންތަކުގައި ހައްދާ ރަނގަޅު ފައިދާ ތަކެއް ލިބިދާނެ ބިންތަކެއް ރާއްޖޭގައި އެބަހުރިކަމެވެ. ވައިކަރަދޫގައި ޓެސްޓް ކުރުމުގެ ގޮތުން ދެއަހަރު މަސައްކަތް ކުރިއެވެ. މި މަސައްކަތުގައި ޒަމާނީ ވަސީލަތްތަކާއި ތަފާތުވެހިކަލްތަކާއި ތަފާތު ބޭސްތަކެއް ބޭނުން ކޮށްގެން ބުރަ މަސައްކަތްތަކެއް ކުރެވުނެވެ. އަދި ވައިކަރަދޫގެ ގިނަބަޔަކަށް ދަނޑުވެރިކަމާއި ބެހޭ ތަމްރީންތަކެއްލިބި ފާއިދާ ތަކެއް ލިބި ތަޖުރިބާ ތަކެއް ޙާޟިލްވެގެންދިޔައެވެ.

ދެ އަހަރު ދުވަހުގެ މަސްރޫޢް ހުއްޓި އެލަޑުދަނޑި ޙާސިލް ނުކުރެވުނީ ސަރުކާރުގެ މާލީ ތަނަވަސްކަން ހުރިގޮތުން ކަމުގައި ޤަބޫލް ކުރެވެއެވެ. އެދުވަސްވަރަކީ ސަރުކާރުގެ މާލީ ތަނަވަސްކަން ނެތް ޒަމާނަކަށް ވެފައި ރާއްޖެއަށް އާމްދަނީ ލިބޭނެ ވަސީލަތްތައް މަދު ޒަމާނަކަށް ވުމާއި އެކު ގިނަ މަސްރޫޢުތަކެއް އެއްފަހަރާ ގިނަ ރަށްތަކެއްގައި ކުރެވޭނެ ގޮތްތަކެއް ސަރުކާރަށް ލިބިފައި ނެތުމުންނެވެ.

ކުރިން ދަންނަވާލެވުނު އެގްރިކަލްޗަރއާއި އެފް. އޭ. އޯ. އާއި ގުޅިގެން ހިންގެވި މަސްރޫޢު އަކީ ސަރުކާރުން ބޭނުންވާގޮތަށް ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް މިކަންނުކުރެވޭނެ ކަމަށް ފެނިވަޑައިގަތުމެވެ. އެހެންނަމަވެސް މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންނަށް ތަޖުރިބާ ތަކެއް ލިބުނުކަމަށްވެއެވެ.

މި މަޢުލޫމާތު ދެއްވީ މި މަސައްކަތުގައި އެގްރިކަލްޗަރ އިން ފޮނުވާފައި ހުންނެވި ތަރުޖަމާން މ. ސާރިޢުވަރުދީ އަލްމަރުޙޫމް ރަމްޒީ ޢަލީއެވެ. މި މަސްރޫޢު ހިންގީ މިހާރު ވައިކަރަދޫ ރަސްމީ ފުޓްބޯޅަ ދަނޑާއި އަތޮޅު މަދުރަސާ ހުރި ސަރަޙައްދާއި ހިސާންގެ އާއި ބޯޅަ ދަނޑުގެ އުތުރުން ޕެރިސް ހުރި ސަރަހައްދާއި ޖެހެންދެންނެވެ. ވައިކަރަދޫއަކީ އޭރުވެސް އަދި މިހާރުވެސް ދަނޑުބިން އޮންނަ ބިޔަ، މާ ރަށެކެވެ. ދަނޑުވެރިކަން ކުރާމީހުންނަށް ބޭނުންތެރި ރަށެކެވެ.

ސަރުކާރުން މީގެ 51 އަހަރު ކުރިން ކުރިއަށް ގެންދިޔަ ތަޖުރިބާ މަސްރޫޢުގެ ސަބަބުން އެއިރު އެގިގެންދިއައީ އެޒަމާނުގައި ރާއްޖޭގައި ހަނޑޫ، ހަކުރު، ގޮދަނަކީ ވިޔަފާރީގެ އުސޫލުންވެސް އަދި އެ ރަށެއްގެ ރައްޔިތުން ބޭނުންވާ މިންވަރަށް ހެއްދި ދާނެ ބާވަތްތަކެއް ނޫންކަމެވެ. ނަމަވެސް ތަރުކާރީއާއި މޭވާގެ ބާވަތް ތަކަކީ ޖަޒީރާ ރަށްތަކުގައި ވިޔަފާރީގެ އުސޫލުން ބޭނުންކުރެވިދާނެ ރަށްތަކެއްކަން ދިވެހީން ޢަމަލީގޮތުންވަނީ ދައްކުވައިދީފައެވެ. މިހާރުގެ ޒަމާނީ ވަސީލަތްތަކާއި ޓެކްނިލޮޖީގެ އެހީގައި މިހާރު މިކަން ކުރެވިދާނެކަމަށް އެކިފަރާތްތަކުން ދަނީ ބުނަމުންނެވެ.