ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ މިއަހަރުވެސް ލިބެނީ 3 ސިޔާސީ ޕާޓީއަކަށް ކަމަށް އިލެކްޝަންސް ކޮމިސަން (އީސީ) އިން ބުނެފިއެވެ.

ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ މިއަހަރު ލިބޭ 3 ޕާޓީއަކީ އެމްޑީޕީ، ޕީޕީއެމް އަދި ޖޭޕީއެވެ.

Ad
rt

މިއަހަރު އެމްޑީޕީއަށް 17،612،793.01 ރުފިޔާ ލިބެއެވެ. ދެވަނައަށް އެންމެ ބޮޑު ޕާޓީ ޕީޕީއެމަށް ލިބެނީ 11،814،609.65 ރުފިޔާއެވެ. ޖޭޕީއަށް ލިބެނީ 3،974،249.34 ރުފިޔާއެވެ.

ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ 10 ސިޔާސީ ޕާޓީގެ ތެރެއިން ބަޖެޓް ފާސްކުރުމާއި ހަމައަށް 10 ހާސް މެމްބަރުން ހަމަވަނީ އެ ތިން ސިޔާސީ ޕާޓީގައެވެ. ސިޔާސީ ޕާޓީތަކު ޤާނޫނު ބުނާގޮތުން ދައުލަތުން ދޫކުރެވޭ ފައިސާ ލިބޭނީ އެއަހަރަކު ބަޖެޓް ފާސްކުރުމާއި ހަމައަށް އިލެކްޝަންސްގެ ދަފުތަރުގައި ތިންހާސް މެމްބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށެވެ.

ތިން ސިޔާސީ ޕާޓީއަކަށް މިއަހަރުގެ ފައިސާ ލިބޭގޮތަށް އޮތް ނަމަވެސް މިވަގުތު ފައިސާ ދޫކުރަން ނިންމާފައިވަނީ އެމްޑީޕީ އާއި ޖޭޕީ އަށެވެ. އެދެ ސިޔާސީ ޕާޓީއަށް ފައިސާ ދޫކުރަން ނިންމި ނަމަވެސް، އިދިކޮޅު ޕީޕީއެމަށް ފައިސާ ދިނުން ލަސްވަނީ، އެ ޕާޓީން އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ މިމަހުގެ 31 ކުރިން އެ ރިޕޯޓްތައް ހުށަހެޅުމުން އެ ޕާޓީ އަށް ވެސް ފައިސާ ދޫކުރާނެ ކަމަށެވެ.

ފައިސާ ދޫކުރަނީ 10،000 މީހުންނަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ޕާޓީތަކަށް މެމްބަރަކަށް 327.29ރ. ގެ މަގުންނެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ. އެ ގާނޫނުގައި ވާ ގޮތުން ދުވަސްތައް ގުނަން ޖެހެނީ ބަންދު ދުވަސްތައް ނުލަ އެވެ.