ކުނި އުފެދޭ އަސްލުން ފެށިގެން އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށް، އުފެއްދުންތެރިންގެ ޒިންމާ އިތުރުކޮށްގެންނާއި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކޮށްގެން ކަނޑުގެ މާހައުލު ހިމާޔަތްކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ތުރުކީވިލާތުގެ އަންތާލިޔާގައި ބޭއްވި "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމަކީ، އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ 31 ވަނަ ކޮންފަރެންސް (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ތުރުކީވިލާތުގެ ފަސްޓް ލޭޑީ އެމިނޭ އުރުދުޣާންގެ ދައުވަތަކަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވިއިރު، މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމާއި ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނެވެ.
ފަސްޓް ލޭޑީގެ ވާހަކަފުޅުގައި، ކަނޑަށް އެޅޭ ކުނީގެ ސަބަބުން ފަރުތަކަށާއި، ކަނޑުގެ ދިރުންތަކުގެ އިތުރުން ކާބޯތަކެތީގެ ޗޭނަށް ލިބޭ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އެއްލައިލާ ކުންޏަކީ އަމިއްލައަށް ނެތިގެންދާ އެއްޗެއް ނޫންކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި އުފައްދައި، ބަންދުކޮށް އަދި އެކްސްޕޯޓްކުރާ ކުނީގެ ބުރަ އުފުލަން ޖެހެނީ ރާއްޖެ ފަދަ މުދާ އެތެރެކުރުމަށް ބަރޯސާވާ ގައުމުތަކަށް ކަމަށެވެ.
މުދާ ވިއްކުމާ ހަމައިން އުފެއްދުންތެރިންގެ ޒިންމާ ނިމިގެން ނުވާނެކަން ފާހަގަކުރައްވަމުން، އުފެއްދުންތެރިންގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ތިމާވެއްޓާ ރައްޓެހި ގޮތްތަކުގައި ތަކެތި ބަންދުކުރުމަށާއި، ޒަމާނީ އީޖާދީ ޓެކްނޮލޮޖީ ބޭނުންކުރުމަށް ސާޖިދާ ގޮވާލެއްވިއެވެ. އަދި ދައުރުވާ އިގްތިސާދަކަށް ބަދަލުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ކުނި މެނޭޖްކުރުމުގެ ދާއިރާއިން ރާއްޖޭގައި އަޅާފައިވާ ގާނޫނީ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޯގަސްޓް މަހު ތަސްދީގުކުރެއްވި ކުނި މެނޭޖްކުރުމުގެ ގާނޫނަށް ގެނައި އިސްލާހުތައް އެކަމަނާ ފާހަގަކުރެއްވިއެވެ. މި އިސްލާހުތަކުގެ ދަށުން ގަވާއިދާ ހިލާފަށް ރާއްޖެއަށް ކުނި އެތެރެކުރުން މަނާކޮށްފައިވާ ކަމަށާއި، ހުއްދައެއް ނެތި ނުރައްކާތެރި ކުނީގެ ވިޔަފާރިކުރާ ފަރާތްތަކަށް ހަރުކަށި އަދަބުތައް ކަނޑައަޅާފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މިފަދަ ދެމެހެއްޓެނިވި ބަދަލެއް ގެނައުމުގައި އާއިލާތަކާއި، ސްކޫލްތަކާއި މުޖުތަމައުގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރައްވައި ފަސްޓް ލޭޑީ ވިދާޅުވީ، ދެމެހެއްޓެނިވި ބަދަލު ފެށެނީ ގޭތެރެއިން ކަމަށާއި، އެކަން ހަރުދަނާވަނީ ސްކޫލްތަކުން ކަމަށާއި އަދި ފުޅާވެގެންދަނީ މުޖުތަމައުގެ ތެރެއިން ކަމަށެވެ. އެގޮތުން ސާފު ދުނިޔެއެއް ބިނާކުރުމަށް ކުޑަކުދިން ބާރުވެރިކުރުވުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ޒީރޯ ވޭސްޓް ހަރަކާތް ކުރިއެރުވުމުގައި އެމިނޭ އުރުދުޣާން އަދާކުރައްވާ އިސް ދައުރަށް ތައުރީފުކުރައްވައި، "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ ތަސައްވުރަށާއި ލަނޑުދަނޑިތަކަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން އޮތްކަން އެކަމަނާ ތަކުރާރުކުރެއްވިއެވެ.
މި ބައްދަލުވުމުގެ ތެރެއިން ވަނީ "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ރަސްމީކޮށް އިފްތިތާހުކޮށްފައެވެ. މިއީ ތުރުކީވިލާތުގެ ފަސްޓް ލޭޑީ އެމިނޭ އުރުދުޣާންގެ އިސްނެންގެވުމުގެ ދަށުން 2017 ވަނަ އަހަރު ފެށި "ޒީރޯ ވޭސްޓް މޫވްމަންޓް" ގެ މައްޗަށް ބިނާކޮށް އެކުލަވައިލި ބައިނަލްއަގުވާމީ ހަރަކާތެކެވެ. މި އެލަޔަންސްގެ މައިގަނޑު މަގުސަދަކީ ސަރުކާރުތަކާއި، އދ. ގެ އިދާރާތަކާއި ބައިނަލްއަގުވާމީ ބައިވެރިން ގުޅިގެން ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރުމުގެ އުސޫލުތައް ފުޅާކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!