ކުރީގެ ލޯބިވެރިޔާއަށް ގަނެދިން އައިފޯން އަނބުރާ ހޯދަން ދިވެހި ފިރިހެނަކު ކުރި ދައުވާ ކާމިޔާބު ނުވެ އަދި ކުރީގެ ލޯބިވެރިޔާއަށް ގާނޫނީ ހަރަދުގެ ގޮތުގައި އިތުރު 5,000ރ. ދޭން އެ މީހާގެ މައްޗަށް ކޯޓަކުން ހުކުމްކޮށްފި އެވެ.

ށ. އަތޮޅުގެ ރަށެއްގައި ފިރިހެނަކު ދައުވާކުރީ އޭނާގެ ކުރީގެ ލޯބިވެރިޔާ އޭނާއާ ކައިވެނި ކުރާނެ ކަމަށް ބުނެ ގުޅިގެން އުޅުނު ޒަމާނުގައި އޭނާ އިސްލާމިކް ބޭންކް މެދުވެރިކޮށް އަންހެން މީހާއަށް ގަނެދިން އައިފޯން 16 ޕްރޯމެކްސް އަނބުރާ ހޯދުމަށާއި އަދި ވަކީލަށް ހަރަދުކުރި 10,000ރ. ވެސް ހޯދުމަށެވެ.

Ad
rt

ނަމަވެސް އެރަށު ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައިވަނީ އެ ފޯނު ދިނީ ކައިވެނި ނުކުރާނަމަ އަނބުރާ ދޭންޖެހޭ ގޮތަށްކަން އެނގެން ނެތް ކަމަށެވެ. އަދި އެ ދެ މީހުންގެ ދެމެދުގައި އޭރު އޮތް ގުޅުމަށް ބަލާއިރު ހަދިޔާގެ ގޮތުގައި އެފަދަ އެއްޗެއް ދީފާނެ ކަމަށް ބެލެވޭ ކަމަށް ހުކުމުގައިވެ އެވެ.

އެހެންކަމުން އެ ފޯނު އަނބުރާ ދޭން އަމުރުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ. އަދި ފިރިހެން މީހާއަށް ދައުވާ ނާކާމިޔާބުވުމުން މަދަނީ އިޖްރައާތުގެ ގާނޫނާ އެއްގޮތަށް އަންހެން މީހާ ވަކީލަށް ހަރަދު ކުރަންޖެހުނު 5,000ރ. ފިރިހެން މީހާ ދައްކަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ 5,000ރ. ތިން މަސް ދުވަހުގެ ތެރޭގައި ފިރިހެން މީހާގެ ފަރާތުން ދައްކަން ޖެހޭނެ ކަމަށެވެ.