އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ދައުލަތުގެ ދަރަނި ބުރަ ލުއިކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ރޭވިފައިވާ ހަރުދަނާ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އާދަމް ޝަފީޤް ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ފާހަގަކުރެއްވި ގޮތުގައި މި ބަޖެޓުގައި ފަތުރުވެރިކަމާއި، ޢުމްރާނީ ތަރައްޤީ އަދި ބޯހިޔާވަހިކަމުގެ އިތުރުން ޞިއްޙީ ދާއިރާއަށް ވެސް ބޮޑެތި އަހަންމިއްޔަތުކަމެއް ވަނީ ދީފައެވެ.
މެންބަރު އާދަމް ޝަފީޤް ވިދާޅުވީ، މި ބަޖެޓުގައި އިންފްރާސްޓްރަކްޗަރއަށް 7.3 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއަށް 5.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އަދި މި ވުޒާރާގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއަރޕޯޓުތަކާއި، މަގުތަކާއި، ބަނދަރުތަކުގެ އިތުރުން ފެނާއި ނަރުދަމާ ތަރައްޤީކުރުން ހިމެނިފައިވާތީ، މަކުނުދޫ ދާއިރާގައި ހިމެނޭ މަކުނުދޫ، ނޭކުރެންދޫ އަދި ކުމުންދޫއަށް ވެސް މި ބަޖެޓުން މަޝްރޫޢުތައް ހިންގުމަށް ބޮޑެތި ފަހިކަން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މަކުނުދޫގައި ކުރިއަށްދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، އެ ރަށު އެއަރޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވި، މަސައްކަތްތެރިން ތިބޭނެ އެކޮމަޑޭޝަންތައް އެޅުމާއި ފަޔަރ ބިލްޑިންގުގެ ފައުންޑޭޝަން މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މީގެއިތުރުން ސްޕޯޓްސް ކޮމްޕްލެކްސްގެ 75 އިންސައްތަ ނިމިފައިވާއިރު، ފެނާއި ނަރުދަމާގެ މަސައްކަތް މި އަހަރު ނިންމައި ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަންގެ 95 އިންސައްތަ ނިމިފައިވުމާއި، ކަރަންޓު ވިއުގަ ރަނގަޅުކުރުމަށް ބޭނުންވާ ސާމާނު ރަށަށް ގެންދެވިފައިވުމުގެ އިތުރުން ޕޮލިސް ސްޓޭޝަނުގެ މަސައްކަތް ފެށި، ސްކޫލު އޭސީ ކުރުމުގެ ތެރެއިން ކަރަންޓު ލުމުގެ މަސައްކަތް ކުރިއަށްދާކަން ވެސް ފާހަގަކުރެއްވިއެވެ.
ދާއިރާގައި ހިމެނޭ ނޭކުރެންދޫގެ މަޝްރޫޢުތަކާ ގުޅޭގޮތުން މެންބަރު ވިދާޅުވީ، އެ ރަށު ސްކޫލުގެ ކްލާސްރޫމުތައް އަޅައި ނިމި، މިހާރު ކިޔަވައިދިނުމުގައި ބޭނުންކުރަމުން އަންނަ ކަމަށާއި، މުޅި ސްކޫލު އޭސީކުރެވި ދަރިވަރުންނަށް އެ ފުރުޞަތު ފަހިވެފައިވާ ކަމަށެވެ. އަދި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްދާއިރު، ފުޓްބޯޅަ ދަނޑުގެ ވަށާފާރާއި ފެންސު ނިމި، ރޮސްޓްރަމްގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އައުޓްޑޯ ޖިމްގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައި މި އަހަރު ނިމުމުގެ ކުރިން ޚިދުމަތް ދޭން ފެށޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކުމުންދޫގެ ތަރައްޤީގެ މަސައްކަތްތަކަށް ބައްލަވާލައްވަމުން އާދަމް ޝަފީޤް ވިދާޅުވީ، އެ ރަށު ފުޓްބޯޅަ ދަނޑުގައި ޓަރފް އަޅައި ޒުވާނުންނަށް ކުޅެވޭނެ މަގު ތަނަވަސްކޮށްދީފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ވަށާފާރާއި ބޭރު ފެންސުގެ މަސައްކަތް ކަމަށެވެ. ހަމައެއާއެކު ޕޮލިސް ސްޓޭޝަން ނިންމައި ޚިދުމަތް ދޭން ފަށާފައިވާއިރު، ޞިއްޙީ މަރުކަޒާއި އާ ބަނދަރުގެ މަސައްކަތް ވަނީ ފެށިފައެވެ. އަދި އައުޓްޑޯ ޖިމް އެއްކޮށް ނިމި ބޭނުންކުރަން ހުޅުވާލުމުގެ ތައްޔާރީތައް ވަމުންދާއިރު، ސްކޫލުގައި އޭސީތައް ހަރުކޮށް ކަރަންޓު ލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެއިތުރުން މަލްޓި-ޕާޕަސް ހޯލުގެ ބިން ސާފުކޮށް ނިމި، އަންނަ ހަފުތާގައި ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މެންބަރު އާދަމް ޝަފީޤް ވިދާޅުވެފައިވާ ގޮތުގައި، 2027 ވަނަ އަހަރުގެ ބަޖެޓަކީ ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ތަރައްޤީއާއި އުޖާލާކަން ގެނެސްދޭނެ ބަޖެޓެއް ކަމަށެވެ. އަދި މިއީ ޒުވާނުންގެ މުސްތަޤުބަލަށް އައު ފުރުޞަތުތަކެއް ތަނަވަސްކޮށްދީ، މާދަމާގެ ގޮންޖެހުންތަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ އުންމީދީ ބަޖެޓެއްކަމަށް ވެސް މެންބަރު އާދަމް ޝަފީޤް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!