ހއ. ބާރަށުގެ ރިންގްރޯޑާއި ބަނދަރު ހެދުމުގެ ބޮޑު ދެ މަޝްރޫޢުގެ އަމަލީ މަސައްކަތް މި ހިނގާ ނޮވެމްބަރު މަހުގެ ތެރޭގައި އެއްފަހަރާ ފެށިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުންނެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން ޝުޖާޢު ވިދާޅުވީ، ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް ރިންގްރޯޑުގެ މަޝްރޫޢު މި މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި ބާރަށުގެ ރައްޔިތުން ބޭނުންވީ ވަކިން މަސް ޖެޓީއެއް އެޅުމަށް ނުވަތަ ކުރީގެ ޖެޓީ މަރާމާތުކުރުމަށް ނޫން ކަމަށާއި، ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން އެދުނީ ބަނދަރެއް ހަދައިދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބަޖެޓުން އެކަމަށް ޖާގަ ލިބި، ބަނދަރުގެ މަޝްރޫޢު ވެސް މި ނޮވެމްބަރު މަހު ފެށޭނެކަން ފާހަގަކުރައްވައި ޝުޖާޢު ވިދާޅުވީ، އެއީ "އެއް ނަނެއްގައި ދެ ބުޅި ގަނެވި، ދެ މަސް އެއްފަހަރާ ބޭނޭނެ" ފަދަ ގޮތަކަށް ދެ ވަޢުދު އެއްފަހަރާ ފުދިގެން ދިއުން ކަމަށެވެ.
''އަޅުގަނޑުމެން ވީ ވައުދަކީ ރިންގްރޯޑެއްގެ މަޝްރޫޢު އޮންނާނީ ފެށިފައ.ި اللهގެ ހެޔޮރަޙުމަތުން މި މަސް ތެރޭގައި ހިނގާނެ، ބާރަށުގެ ރައްޔިތުން ބޭނުންވީ މަސް ޖެޓީ ވަކިން އަޅާކަށް ބޭނުމެއް ނޫނޭ، ޖެޓީ މަރާމާތުކުރާކަށް ބޭނުމެއް ނޫނޭ، ރައްޔިތުން ރައީސް މުޢިއްޒަށް އެދިވަޑައިގެންނެވީ ބަނދަރަކަށޭ ދާން ބޭނުންވަނީ، މި ބަޖެޓުން އިރާދަފުޅުކުރެއްވިއްޔާ އެބަ ޖާގަދެއޭ، ނޮވެންބަރު މަސް، މި ހިނގާ ނޮވެންބަރުމަހު ބާރަށު ބަނދަރުގެ މަޝްރޫޢު އިރާދަފުޅުކުރެއްވިއްޔާ ދާނެ، ދެ ވައުދު އެއްފަހަރާ ހިނގަނީ، މާނަޔަކީ އެ އޮތީ ގަނެފައި ދެ ބުޅި އެއް ނަނެއްގައި، ދެ މަސް އެއްފަހަރާ ބޭނޭނެ،'' ޝުޖާޢު ވިދާޅުވެފަވެއެވެ.
ބާރަށުގައި މިހާރު ވެސް ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާކަން ފާހަގަކުރައްވަމުން ޝުޖާޢު ވިދާޅުވީ، ރަށުގެ ޓޫރިޒަމް ޒޯނުގެ މަސައްކަތާއި، ސަރުކާރުގެ ވަޢުދުން ބޭރުން ކުރިއަށްގެންދާ ޕޮލިސް ސްޓޭޝަނުގެ މަސައްކަތް ވެސް ހިނގަމުންދާ ކަމަށެވެ. އަދި ކައުންސިލް އިދާރާގެ މަސައްކަތާއި، މިސްކިތުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، ރަށުގެ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން 300 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ބާރަށު ސްކޫލުގައި މިހާރު ހުރީ މަރާމާތުކޮށްގެން ބޭނުންކުރާ ވަރަށް ކުރީގެ ހޯލެއް ކަމަށްވާތީ، ސްކޫލަށް މަލްޓި-ޕާޕަސް ހޯލެއް ހަމަޖައްސަވައިދެއްވުމަށް ފިނޭންސް މިނިސްޓަރުގެ އަރިހުން އޭނާ އެދިވަޑައިގެންނެވިއެވެ.
ތަޢުލީމީ ދާއިރާގެ ކަންކަމަށް އަލިއަޅުއްވާލައްވަމުން ޝުޖާޢު ވިދާޅުވީ، ކިޔަވާ މާޙައުލަކީ އޭސީން ފިނިކުރެވިފައިވާ ތަނަކަށް ވާންޖެހޭނީ ހަމައެކަނި މާލޭގެ ސްކޫލުތަކުގައި ނޫން ކަމަށާއި، މުޅި ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ވެސް އެ ފުރުޞަތު އޮންނަންޖެހޭނެ ކަމަށް ރައީސް މުޢިއްޒު ޤަބޫލުފުޅުކުރައްވާ ކަމަށެވެ. އެގޮތުން ހަނިމާދޫ ސްކޫލު ވެސް މިހާރު އޭސީ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ކުރިން މުރައިދޫ ރައްޔިތުން 200 ރުފިޔާ ދީފައި ލޯންޗެއް ކުއްޔަށް ހިފައިގެން ދިއްދޫއަށް ބޭންކިންގ ޚިދުމަތް ހޯދަން ދާންޖެހުނު ނަމަވެސް، މިހާރު މުރައިދޫގައި އޭޓީއެމް ބަހައްޓައި އެ ޚިދުމަތް ފަހިކޮށްދީފައިވާ ކަމަށާއި، އެ ރަށު ބަނދަރަށް ބޭނުންވާ ބޮޑުހިލަ ގެނައުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބާރަށު ދާއިރާއަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ޤައުމިއްޔަތާ ގުޅިފައިވާ ތާރީޚީ ދާއިރާއެއްކަން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ، ބާރަށާއި އުތީމާއި ތަކަންދޫގައި ބޮޑެތި އާސާރުތައް އެބަހުރި ކަމަށެވެ. އަދި ދުނިޔޭގައި އޮތް ހިރިގަލުގެ އެންމެ ބޮޑު ސަހަރާ އޮތީ ތަކަންދޫގައި ނަމަވެސް، މީގެ ކުރިން އެ ތަންތަން އަޅާނުލައި ދޫކޮށްލާފައި އޮތުމުން ވާރުގެ ފަދަ ތަންތަން ހަލާކުވަމުންދިޔަ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ އާސާރުތަކުން އާމްދަނީ ލިބޭނެ މަގުފަހިކުރުން ކަމަށާއި، އެ ސިޔާސަތުގެ ދަށުން ހެރިޓޭޖް މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ދާއިރާގައި ހިމެނޭ އުތީމުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ޝުޖާޢު ވިދާޅުވީ، އެ ރަށުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް މި މަހު މޮބިލައިޒް ވާނެ ކަމަށެވެ. އަދި އުތީމުގައި ހުރި ޣާޒީ ބަންޑާރައިންގެ މިސްކިތް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، އިސްލާމިކް ސެންޓަރު އެޅުމުގެ ކުރިން ބޭނުންވާ ވަގުތީ މިސްކިތުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކުނި މެނޭޖްކުރާ މަރުކަޒާއި، ފުޓްސަލް ދަނޑާއި، ބޭންކިންގ ޚިދުމަތާއި، ކައުންސިލް އިދާރާގެ އިތުރުން ފަތުރުވެރިން ޝައުޤުވެރިކުރުވުމަށްޓަކައި ހަދާ އުތީމު ގޭޓުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!