އެމްޑީޕީގެ މިސްރާބު ބަދަލުވެ، އެ ޕާޓީން މީގެ ކުރިން ބުނަމުން އައި "ޓަކާ ޓަކާ" މަގަށް އެނބުރި ނުދިއުމަށާއި، އަމިއްލަ ނަފްސު ފަނާކުރަނިވި މަގެއް ހިޔާރު ނުކުރުމަށް އެ ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ފަހަކަށް އައިސް އެމްޑީޕީން އަމާޒު ހިފާފައިވާ މިސްރާބަކީ ނުހަނު ކަންބޮޑުވުން އުފެދޭ މިސްރާބެއް ކަމަށެވެ. އެމްޑީޕީ އުފެދިގެން އައީ އިންސާނީ ހައްގުތަކާއި، ހުޅުވިފައިވާ ވިސްނުމާއި، ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމަކާއި، ޑިމޮކްރަޓިކް ނިޒާމެއް މެދުވެރިކޮށް ތަނަވަސްކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަން ހޯދުމަށް ވަކާލާތު ކުރަމުން ކަމަށް ވިޔަސް، މިހާރު އެ ޕާޓީ ސިފަވާ ގޮތް ތަފާތުވާން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad
d

ނަޝީދު ވިދާޅުވި ގޮތުގައި، ބިދޭސީން ދެކެ ބިރުގަންނަ އަދި ހައްދުފަހަނައެޅި ވަތަނީ ގައުމިއްޔަތެއް ކުރިއަރުވާ، އެފަދަ ބޯދާ ފަލްސަފާއަކަށް ވަކާލާތު ކުރާ ބައެއްގެ ގޮތުގައި މިހާރު އެމްޑީޕީ ސިފަވާން ފަށައިފިއެވެ. މިއީ އެމްޑީޕީގެ ސިޔާސީ ހަގީގަތް ކަނޑައެޅި، އެންމެ ކުރީގެ ގިނަ މެންބަރުންނާއި ސަޕޯޓަރުން އެ ޕާޓީގެ ފަލްސަފާ ތަސައްވަރު ކުރި ގޮތެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންތިހާބުތަކުގެ ކާމިޔާބީ ބިނާވެފައިވަނީ ޕޮޕިއުލިސްޓް ރުޅިވެރިކަމާއި، ބިރުވެރިކަމާއި، ބައިބައިވުމުގެ ތެރެއިން އާންމުންގެ ޖަޒުބާތު ކައްކުވައިގެން ކަމަށް ޕާޓީގެ ތެރޭގައި ބަޔަކު ގަބޫލުކުރާ ކަހަލަ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މިފަދަ ސްޓްރެޓެޖީއެއްގެ ސަބަބުން ތާރީހީ ގޮތުން އެމްޑީޕީން ދަމަހައްޓަމުން އަންނަ ހަމަތަކަށް ބުރޫއެރުމުގެ ނުރައްކާ އޮތް ކަމަށާއި، މަތިވެރި އިސްލާމީ އުސޫލުތަކުގައި ސާބިތުވެ ތިބެ، ގިނަ ގޮތްތައް ހިމެނޭ މުޖުތަމައެއްގެ ދިވެހިވަންތަކަން ބިނާކުރުމާއި ހުޅުވިފައިވާ ސިކުނޑީގެ އަހުލުވެރިންގެ ގައުމަކަށް ރާއްޖެ ބަދަލުކުރުމުގެ ވިސްނުމަށް ދެރަ ލިބެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

Ad
df

މީގެ އިތުރުން، ކުރު މުއްދަތެއްގެ ސިޔާސީ ފައިދާ ހޯދުމަށްޓަކައި އެމްޑީޕީގެ މައިގަނޑު އަސާސް ދޫކޮށްލުމަކީ ހަމައެކަނި މަގުފުރެދުމެއް ނޫން ކަމަށާއި، އެއީ ސްޓްރެޓެޖިކް ގޮތުން އަމިއްލައަށް ބަލިވުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ނަގައި، ތަނަވަސްކަން ހޯދައިދޭނެ ޕްރޮޖެކްޓްތަކާ ޒަޔަނިޒަމާ ގުޅުވައިގެން އަސާސެއް ނެތް ވާހަކަތައް ކުރިއެރުވުމަކީ ޕާޓީއަށް ރައްޔިތުން ކުރާ އިތުބާރު ވަރުގަދަވާނެ ކަމެއް ނޫން ކަމަށާއި، އެފަދަ ބަސްމަގުތަކަކީ އާންމު ބަހުސް ހީނަރުކޮށް، ގައުމީ އަދި ސިޔާސީ ކަންކަމުގެ ސީރިއަސްކަން ކުޑަކޮށްދޭ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޕާޓީ މިހާރު އޮތް ހާލަތު ބަޔާންކުރައްވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީ މިވަގުތު އޮތީ ހަތަރުވަން ހޮޅިއެއްގެ ކަންމަތީގައި ކަމަށެވެ. އަދި މީގެ ކުރިން އެމްޑީޕީން ބުނަމުން އައި "ޓަކާ، ޓަކާ" މަގަށް އެނބުރިއްޖެނަމަ، ޕާޓީގެ ހަގީގަތާއި، ގޮތާއި ފޮތް ގެއްލިދިއުމުގެ ނުރައްކާ އެބައޮތް ކަމަށް ވިދާޅުވެ، އަމިއްލަ ނަފްސު ފަނާކުރަނިވި މަގެއްގައި އެމްޑީޕީ ނުދާނެ ކަމަށް ނުހަނު އުންމީދު ކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.