ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި މަހުގެ 18 ވާ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގެ އިފްތިތާހީ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޕީއެންސީ އަބަދުވެސް ދެމިއޮންނާނީ ގައުމަށް ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަން ހޯދައިދިނުމުގައި ކަމަށެވެ. އަދި ސިޔާސީ ވާދަވެރިން ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ކުރާ މަސައްކަތްތަކަށް ޕާޓީގެ އެތެރެއިން އެއްވެސް ޖާގައެއް ނުދިނުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

އިފްތިތާހީ ޖަލްސާއަށް ފަހު، ޕާޓީގެ އަސާސީ ގަވާއިދު އެކުލަވާލުމުގެ މަސައްކަތުގެ އިތުރުން ގައުމީ ތަރައްގީގެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ވަޒީރުންގެ ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދާނެއެވެ. މި ސެޝަންތައް މިރޭ 20:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

Ad
ooredoo

ކުރިއަށް އޮތް ސެޕްޓެމްބަރު 16 އަދި 17 ވަނަ ދުވަހު، ޕާޓީގެ ނައިބު ރައީސުންނާއި މަތީ މަޖިލީހަށް މެންބަރުން އިންތިހާބުކުރުން ކުރިއަށްދާނެއެވެ.

މީގެއިތުރުން ވަޒީރުންގެ މައުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމާއި، ޒުވާނުންނާއި އަންހެނުންގެ ހާއްސަ ހަރަކާތްތަކުގެ އިތުރުން އަލަށް އެކުލަވާލެވޭ މަގާމުތަކުގެ އިގުރާރުވުމާއި، ޕާޓީގެ މުސްތަގުބަލުގެ ތަސައްވުރު ކަނޑައެޅުން ވެސް އޮންނާނެއެވެ.

ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ އެކި މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ މެންބަރުން ވަނީ ވާދަކުރުމަށް ނަން ހުށަހަޅާފައެވެ. އެގޮތުން، ބައެއް މަގާމުތަކަށް ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު، ނައިބު ރައީސްކަމުގެ 6 މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އަދި ޕާޓީގެ މެންބަރުންގެ މަޖިލީހުގެ މަގާމުތަކަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މީގެ ތެރެއިން 9 މަގާމަކަށް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަން ކަނޑައެޅިފައިވާ އަދަދަށް ކަމަށް އެ ޕާޓީން ބުނެއެވެ.

78،505 އަށް ވުރެ ގިނަ މެންބަރުންނާއެކު، ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ.