ބިޒްނަސް ވިޒާ އާއި ސްޕެޝަލް ވިޒާގައި ދިވެހިރާއްޖެއަށް އެތެރެވާ ބިދޭސީންނަށް، ރާއްޖޭގައި ތިބެގެން 'ވަރކް ވިޒާ' އަށް ބަދަލުނުވެވޭގޮތް ހަދައި، އެކަން އެގޮތަށް ކުރުން މަނާކޮށްފިއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އުޞޫލު އިޞްލާޙުކޮށް ހަރުދަނާކުރުމުގެ ގޮތުން ނިންމި މި ނިންމުމަށް ޢަމަލުކުރަން ފަށާނީ މާދަމާ އިން ފެށިގެން ކަމަށެވެ. އެހެންކަމުން އެ ތާރީޚުން ފެށިގެން ބިޒްނަސް ވިޒާ ނުވަތަ ސްޕެޝަލް ވިޒާގައި ދިވެހިރާއްޖެއަށް އެތެރެވާ ބިދޭސީންނަށް ރާއްޖޭގައި ތިބެގެން ވަރކް ވިޒާއަކަށް ބަދަލެއް ނުވެވޭނެއެވެ.

މި އުޞޫލަށް ބަދަލު ގެންނަން ޖެހުނު ސަބަބު ބަޔާންކުރަމުން މިނިސްޓްރީން ބުނީ، ބިޒްނަސް ވިޒާއަކީ ވިޔަފާރީގެ ކަންކަމާ ގުޅިގެން ކުރު މުއްދަތަކަށް ރާއްޖެއިން ބޭރުން ޕްރޮފެޝަނަލް ފަރާތެއް ގެންނަންޖެހޭ ޙާލަތްތަކުގައި ދޫކުރެވޭ ވިޒާއެއް ކަމަށެވެ. ނަމަވެސް ބައެއް ވިޔަފާރިތަކުން ވަރކް ޕަރމިޓް ހޯދުމުގެ މަސައްކަތް އަވަސްކުރުމުގެ ބޭނުމުގައި، ނަހަމަ ގޮތުގައި ބިޒްނަސް ވިޒާ ބޭނުންކޮށްގެން ރާއްޖެއަށް މީހުން އެތެރެކުރުމަށްފަހު ވަރކް ވިޒާއަށް ބަދަލުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މި ބަދަލާއެކު، ބިޒްނަސް ވިޒާ އަދި ސްޕެޝަލް ވިޒާގައި ރާއްޖެ އެތެރެވާ ފަރާތްތަކަށް 'އެކްސްޕެޓް ސިސްޓަމް' މެދުވެރިކޮށް ވަރކް ޕަރމިޓަށް އެދި ހުށަނޭޅޭނެކަން ވަޒީފާދޭ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ އަންގާފައެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1485 އަށް ގުޅުއްވުމުން ނުވަތަ އީމެއިލް ކުރެއްވުމުން މައުލޫމާތު ލިބިވަޑައިގަންނަވާނެ ކަމަށްވެސް މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވެއެވެ.