ހއ. ބާރަށު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތާއި ހއ. ތުރާކުނު ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކޮށް ރޮސްޓްރަމް ހެދުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
ސްޕޯޓްސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އެވެ.
އެމްޓީސީސީން ބުނީ ބާރަށު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމާއި، ޕިޗު ހެދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. މީގެއިތުރުން ދަނޑުގެ ބައުންޑަރީ ފާރު ރާނައި ފެންސު ޖެހުމާއި، ލައިޓިން ސިސްޓަމް ހަރުކުރުމުގެ އިތުރުން ޓާފް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. މިއީ 13.64 މިލިއަން ރުފިޔާއަށް 200 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ޖުމްލަ 2147 މީހުންގެ އާބާދީއެއް އޮންނަ ބާރަށަކީ ދިވެހި ތާރީހާ ގުޅިފައިވާ ރީތި ރަށެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ، އެ ރަށުގެ ޒުވާނުންނަކީ ފުޓްބޯޅަ ކުޅުމަށް ވަރަށް ފޯރި ހުންނަ ބައެއް ކަމަށެވެ. އެހެންކަމުން ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މި މަޝްރޫއަކީ އެ ރަށުގެ ޒުވާނުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މީގެއިތުރުން ތުރާކުނު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށު ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ހަރުކުރުމާއި ރޮސްޓްރަމް ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ބުނެފައިވާ ގޮތުގައި ތުރާކުނު ދަނޑުގެ މަސައްކަތަކީ 7.82 މިލިއަން ރުފިޔާއަށް 250 ދުވަސްތެރޭ ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ތުރާކުނު ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކޮށް ރޮސްޓްރަމް ހެދުމުގެ މަސައްކަތް ނިމުމާއެކު، އެ ރަށުގެ ރައްޔިތުންނަށް ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
Discussion 0
Moderated