ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026"ގެ ނަމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ  ސަޤާފީ ވާދައިގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދިވެހި ސަޤާފަތުގެ މުއްސަނދިކަން ދިރުވައި އާލާކުރުމަށާއި، ސަޤާފީ ހުށަހެޅުންތަކުގެ ފަންނުވެރިކަން ދައްކާލުމުގެ ފުރުޞަތު ފަހިކޮށް، މި ދާއިރާއިން ވާދަވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އެ ކުންފުނިން ކުރިއަށް ގެންދާ މި އަހަރުގެ ސަޤާފީ ވާދައިގައި، ސަޤާފީ އެކި ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައިވެއެވެ.

އޭގެ ތެރޭގައި ބަނޑިޔާ ޖެހުން، ލަނގިރި، ތާރަ ޖެހުމާއި، ދަނޑި ޖެހުމުގެ އިތުރުން މާފަތި އަދި ފަތިގަނޑު ޖެހުން ހިމެނެއެވެ.
ބީސީސީން މަޢުލޫމާތުދޭ ގޮތުގައި މި މުބާރާތުގެ ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އަގުހުރި ފައިސާގެ އިނާމްތަކެއް ހުށަހަޅާފައިވެއެވެ.

އެ ގޮތުން،  1 ވަނައަށް 75،000 ރުފިޔާ، 2 ވަނައަށް 50،000 ރުފިޔާ އަދި 3 ވަނައަށް 25،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

Ad
ooredoo

މީގެއިތުރުން، އެންމެ މަޤްބޫލު ޓީމަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވެސް އެ ކުންފުނިންވަނީ ކަނޑައަޅާފައެވެ.

މި ސަޤާފީ ވާދައިގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓަރ ކުރުމުގެ އެންމެ ފަހު ތާރީޚަކީ 17 ސެޕްޓެމްބަރ 2026އެވެ.

މުބާރާތުގައި ރަޖިސްޓަރ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބީސީސީގެ ސޯޝަލް މީޑިއާ މަންސަތަކުގައި ހިއްސާކޮށްފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރުމަށް އެ ކުންފުނިން އެދިފައިވެއެވެ.