މަހެއްގެ މައްޗަށް 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ދިވެހިން، އަމިއްލަ ސިއްހީ ހިދުމަތްދޭ ތަންތަނުން އާސަންދަ މެދުވެރިކޮށް ހިދުމަތް ހޯދާއިރު 15 ޕަސެންޓުގެ ކޯ-ޕޭމަންޓެއް ދައްކަންޖެހޭ ގޮތަށް ނިންމައިފިއެވެ.

މި އުސޫލަށް އަމަލުކުރަން ފަށަން ކަނޑައަޅާފައިވަނީ 1 ޖަނަވަރީ 2027 އިން ފެށިގެންނެވެ.

Ad
d

މިކަން ހާމަކޮށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއިން ނެރުނު އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ހިނގަމުންދާ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ފެސިލިޓީތައް ފިޔަވައި، އެހެނިހެން ޕްރައިވެޓް ސެކްޓަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން މި އަދަދަށް އާމްދަނީ ލިބޭ މީހުންގެ އަތުން މި ކޯ-ޕޭމަންޓް ނެގުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން، ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ނޫން އަމިއްލަ ފެސިލިޓީތަކުން ބޮޑު އާމްދަނީ ލިބޭ މީހުން ހިދުމަތް ހޯދާއިރު، ހިދުމަތުގެ އަގުން 15 ޕަސެންޓް އަމިއްލައަށް ދައްކަން ޖެހޭނެއެވެ. ނަމަވެސް، ސަރުކާރުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން މިފަދަ ފަރާތްތަކުން ހިދުމަތް ހޯދާ ހާލަތްތަކުގައި މި ފައިސާ ދައްކާކަށް ނުޖެހޭނެއެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އާސަންދައިގެ ދަށުން ފޮނުވަންޖެހޭ ހާލަތްތަކުގައި މި ބަދަލުގެ އަސަރެއް ނުކުރާނެއެވެ. އެފަދަ ހާލަތްތަކުގައި ހިދުމަތް ފޯރުކޮށްދެމުން ގެންދާނީ މިހާރުވެސް އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ނަމަވެސް، ބައެއް ދާއިރާތަކުގެ ފަންނީ މުވައްޒަފުން މި އުސޫލުން އިސްތިސްނާވާނެ ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ. އެގޮތުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުން ހިމެނެއެވެ.

Ad
df

ހަމައެއާއެކު، ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުންގެ އިތުރުން، އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މުވައްޒަފުން ވެސް މި 15 ޕަސެންޓުގެ ކޯ-ޕޭމަންޓް ނެގުމަށް ކަނޑައަޅާފައިވާ އުސޫލުން އިސްތިސްނާވާނެ ކަމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއިން ވަނީ ބުނެފައެވެ.