ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާލިބޭ ހަލީމަތު ލަމްހާ, މޭރީ މަރުވި ދުވަހު އުޅުނު ގޮތް ހެކިވެރިއަކު ކޯޓުގައި މިއަދު ކިޔައިދީފި އެވެ.
އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ މޭރީ އޮކްޓޫބަރު، 2021 ގައި މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ލަމްހާ އާއި މާވިންއަކީ ވެސް އޭރު ނަރުހުންނެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދިނީ އައިޖީއެމްއެޗްގެ އިމަޖެންސީ ވޯޑްގައި މަސައްކަތްކުރާ ނަރުހެކެވެ. އޭނާ ބުނިގޮތުގައި މޭރީ މަރުވިކަމުގެ ހަބަރު ލިބިގެން ހޮސްޕިޓަލަށް ގޮސް ބެލިއިރު މޭރީގެ މޫނު އޮތީ ނޫކުލަ އަރާފަ އެވެ.
އޭނާ ބުނިގޮތުގައި ލަމްހާއާ ވެސް އެދުވަހު ހޮސްޕިޓަލް ތެރެއިންދިމާވި ކަމަށާއި އަދި މާވިންއަށް އަދަބެއް ލިބިދާނެތޯ ލަމްހާ އޭރު ސުވާލުކުރި ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ލަމްހާ އާއި މާވިންއާ ދެމެދު ގުޅުމެއް އޮތްކަން އެހެން ނަރުހުންގެ ފަރާތުން އެނގުމުން ލަމްހާއާ އޭނާ ވަކިން ބައްދަލުކުރި އެވެ. އެކަމަކު ރަހުމަތްތެރިކަމުގެ ގުޅުން ފިޔަވައި އިތުރު ގުޅުމެއް މާވިންއާ އެކު ނޯންނާނެ ކަމަށް ލަމްހާ ބުނި ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.
އޭނާ ބުނިގޮތުގައި މޭރީ މަރުވި ދުވަހު ހިނގި ކަންކަމާ ގުޅޭގޮތުން ލަމްހާއާ ސުވާލު ކުރުމުން އެދުވަހު މޭރީ އާއި މާވިންގެ ދަރިފުޅާ ހަވާލުވާން އެގެ ކައިރިއަށް ދިޔަ ކަމަށް ލަމްހާ ބުނެފައިވެ އެވެ.
ލަމްހާ ދިރިއުޅުނު ކޮޓަރި ފާސްކުރަން ދިޔަ ފުލުހެއްގެ ހެކިބަސް ވެސް ކޯޓުން މިއަދު ނެގި އެވެ. އެ ފުލުސް މީހާ ބުނިގޮތުގައި ކޯޓު އަމުރެއްގެ ދަށުން އެތަން ފާސް ކުރިއިރު ބައެއް އިންޖެކްޝަންތައް ފެނިގެން އެކަމާ ގުޅިގެން ލަމްހާއާ ސުވާލު ކުރުމުން އެއީ އައިޖީއެމްއެޗުން އޭނާ ގެނެސްފައިވާ ތަކެތި ކަމަށް ބުނެފައިވެ އެވެ.
މޭރީ މަރުވުމުން ހޮސްޕިޓަލަށާއި އޭނާ ދިރިއުޅުނު ގެއަށާއި އަދި ލަމްހާ އުޅުނު ކޮޓަރި ފާސްކުރަން ދިޔަ އިތުރު ފުލުހެއްގެ ހެކިބަސް ވެސް މިއަދު ނެގި އެވެ. އޭނާ ވެސް ބުނިގޮތުގައި އިންޖެކްޝަންތަކެއް އެތަނުން ފެނިފައިވެ އެވެ.
ލަމްހާގެ ބަންދަށް ލުޔެއް ދޭން އޭނާގެ ފަރާތުން ކުރިން އެދިފައިވާތީ ދެން އޮންނަ އަޑުއެހުމެއްގައި އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވި އެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް މި ހަފުތާގައި ވެސް ބާއްވާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!