ނޭޕާލަށް ދިމާވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ކާރިސާގައި ހާލުގައިޖެހުނު މީހުންނަށް އެހީތެރިވުމަށާއި، އެ ކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ކްލަބް އޭއެސް ރޯމާއިން ހާއްސަ ހަރަކާތެއް ފަށައިފިއެވެ.

އެހެންކަމުން ޔޫއީއެފްއޭ ޗެމްޕިއަންސް ލީގުގައި ތުރުކީގެ ފެނަރބާޗޭއާ ދެކޮޅަށް ކުޅޭ މެޗުގައި ރޯމާގެ ކުޅުންތެރިން ނުކުންނާނީ "ޓުގެދަރ ފޯ ނޭޕާލް" ޖަހާފައިވާ ހާއްސަ ޖާޒީތަކެއްގައެވެ.

Ad
rt

އިސްތަންބޫލްގައި ބާއްވާ މި މެޗުގައި ރޯމާގެ ޖާޒީގައި މި ޝިއާރުގެ އިތުރުން ދުނިޔޭގެ ކާބޯތަކެތީގެ ޕްރޮގްރާމް (ޑަބްލިއުއެފްޕީ) ގެ ލޯގޯ ވެސް ހިމެނޭނެއެވެ. މެޗަށްފަހު މި ހާއްސަ ޖާޒީތައް ނީލަންކިޔައިގެން ލިބޭ ފައިސާ، އިޓަލީގެ ރޯމްގައި މަރުކަޒުވެގެން ހިންގާ އަންދާޒާ އދ. ގެ އެޖެންސީ، ޑަބްލިއުއެފްޕީ މެދުވެރިކޮށް ނޭޕާލުގައި ހާލުގައިޖެހިފައިވާ މީހުންނަށް އެހީތެރިވާން ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ. ރޯމާއިން ޖާޒީގައި މި ލޯގޯ ބޭނުންކުރަން ނިންމީ، ތުރުކީގައި ކެންބްލިންގާއި ބެޓިން ކުންފުނިތަކުގެ އިޝްތިހާރު ކުޅިވަރު ޓީމުތަކުގެ ޖާޒީގައި ޖެހުން މަނާކޮށްފައިވާތީ، އެ ކްލަބުގެ މައި ސްޕޮންސަރުގެ ލޯގޯ ބޭނުންނުކުރެވޭތީއެވެ.

މި ކަމާ ގުޅޭގޮތުން އޭއެސް ރޯމާގެ ވެބްސައިޓުގައި އާންމުކުރި ބަޔާނެއްގައި އެ ކްލަބުން ބުނީ، ނޭޕާލަށް ދިމާވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ކާރިސާގައި ހާލުގައިޖެހުނު މީހުންނަށް އެހީވުމަށް ރޯމާއާއި ޑަބްލިއުއެފްޕީ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުޅުންތެރިންގެ ޖާޒީގެ ކުރިމަތީގައި ޑަބްލިއުއެފްޕީގެ ލޯގޯ ޖަހައިގެން ކުޅެން ނުކުތުމުގެ މައިގަނޑު ބޭނުމަކީ، މި ކާރިސާގެ ނުރައްކާތެރިކަމަށް މުޅި ދުނިޔޭގެ ސަމާލުކަން ގެނައުމާއި، ހާލުގައިޖެހިފައިވާ މުޖުތަމައުތަކަށް އެހީވުމަށް ޑަބްލިއުއެފްޕީން ކުރަމުންދާ މަސައްކަތްތައް އިޝްތިހާރުކޮށްދިނުން ކަމަށް ވެސް ރޯމާއިން ބުނެފައިވެއެވެ.

ނޭޕާލަށް މިދިޔަ މަހު ދިމާވި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާގައި 1,300 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. އަދި 5,000 އަށްވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސައިންސްވެރިން ބުނާ ގޮތުގައި މި ކާރިސާ ދިމާވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ފަރުބަދައެއްގެ ގްލޭޝިއާގެ ބައެއް ކަނޑައިގެން ގޮސް، ނޭޕާލުގެ ރަސުވާ އަދި ނުވާކޯޓް ސަރަހައްދުގެ އިތުރުން ޗައިނާގެ ޓިބެޓް ސަރަހައްދަށް ބޮޑެތި އަދަދަކަށް ފެނާއި ކަސަބު ފައިބައިގެން ދިއުމުގެ ސަބަބުންނެވެ.

މި ކާރިސާގައި މަރުވި މީހުންގެ ހަނދާނުގައި ޔޫއީއެފްއޭ ޗެމްޕިއަންސް ލީގުގެ އާ ސީޒަން ފެށުމުގެ ގޮތުން އަންގާރަ ދުވަހާއި ބުދަ ދުވަހު ކުޅުނު އެއްވެސް މެޗެއް ފެށުމުގެ ކުރިން ސުކޫތެއް ވަނީ ގެނެސްފައެވެ. މި ސުކޫތުގައި ކުޅުންތެރިންނާއި، ކޯޗިން ސްޓާފުންނާއި، އޮފިޝަލުންގެ އިތުރުން ސަޕޯޓަރުން ވެސް ވަނީ ބައިވެރިވެފައެވެ. އަދި މެޗުތައް ކުޅުނު ހުރިހާ ސްޓޭޑިއަމްތަކެއްގެ ބޮޑެތި ސްކްރީންތަކުގައި ނޭޕާލުގައި ހާލުގައިޖެހުނު މީހުންނަށް ހެޔޮއެދުންތައް ފޮނުވައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖުތައް އާންމުކޮށްފައިވެއެވެ.

އޭއެސް ރޯމާގެ އިތުރުން އިނގިރޭސި ޕްރެމިއާ ލީގުގެ މަޝްހޫރު ކްލަބް އަރސެނަލްއިންވެސް ވަނީ ނޭޕާލުގެ ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައިޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަރސެނަލްއިން މި އެހީ ފޯރުކޮށްދީފައިވަނީ އެ ކްލަބުގެ "އަރސެނަލް ފައުންޑޭޝަން" އާއި، ނޭޕާލުގައި ހަރަކާތްތެރިވަމުންދާ އެ ފައުންޑޭޝަންގެ ޗެރިޓީ ބައިވެރިޔާ "ސޭވް ދަ ޗިލްޑްރެން" މެދުވެރިކޮށެވެ.