ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން، ކުޅުދުއްފުށި ސިޓީގެ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ކުރިއަށްގެންދިޔަ 5 ދުވަހުގެ ކޯ-ކްރިއޭޝަން ވޯކްޝޮޕް ކާމިޔާބުކަމާއެކު އިއްޔެ ނިންމާލައިފިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ މީގެ ކުރިން ކުރިއަށްގެންދިޔަ ޚިޔާލުހޯދުމުގެ ބައްދަލުވުންތަކާއި ޕަބްލިކް ސަރވޭއިން އެއްކޮށްފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ތަރައްޤީގެ ޕްލޭންގައި ހިމަނާނެ ސިޔާސަތުތަކާއި، ސްޓްރެޓެޖީތަކާއި، ލަނޑުދަނޑިތަކުގެ އިތުރުން ހަރަކާތްތައް ފަރުމާކުރުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ. ކޮންމެ ދުވަހަކު 6 ގަޑިއިރަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި އާންމުކޮށް ހުޅުވާލައިގެން ރަޖިސްޓްރީވި ފަރާތްތަކުގެ އިތުރުން މުހިންމު ގިނަ ފަރާތްތަކަކުން ބައިވެރިވެފައިވެއެވެ.

Ad
rt

އެގޮތުން މި ބައްދަލުވުންތަކުގައި ސިޓީގެ މޭޔަރާއި، ޑެޕިއުޓީ މޭޔަރު، ކައުންސިލަރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އަދި މެންބަރުން، ކައުންސިލްގެ އިދާރީ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ކުޅުދުއްފުށީގެ އެކިއެކި މުއައްސަސާތަކާއި މުޖުތަމަޢުގެ އެކި ގްރޫޕްތައް ތަމްސީލުކުރައްވާ ގިނަ އަދަދެއްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކުޅުދުއްފުށީ ސިޓީގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ ކޯ-ކްރިއޭޝަން ވޯކްޝޮޕްގައި މޭޔަރު އާތިފް ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ސިޓީ ކައުންސިލް

ކައުންސިލުން ހާމަކުރި ގޮތުގައި، މި މަސައްކަތު ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ ޕްލޭން ތަންފީޒުކުރުމުގެ ޒިންމާ ނަންގަވާނެ ފަރާތްތަކާއި، އޭގެ ސީދާ މަންފާ ލިބޭނެ ފަރާތްތައް އެކުގައި ތިބެގެން ޕްލޭން ބައްޓަންކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ. އަދި ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ހާސިލުކުރެވޭނެ ފަދަ ޙަޤީޤީ ޕްލޭނެއް އެކުލަވާލުމަކީވެސް މި ބައްދަލުވުމުގެ އަމާޒެކެވެ.

މި ވޯކްޝޮޕްގައި ބައިވެރިން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ތަރައްޤީގެ ޕްލޭން އެކުލަވާލުމަށްފަހު، އެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދައި ވެލިޑޭޓްކުރުމަށްޓަކައި ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި އިތުރު މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތު ބައްދަލުވުމުގައި ޝައުޤުވެރިކަމާއެކު ބައިވެރިވެ ވަގުތު ހުސްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.