ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ "ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު" ގެ ތައްޔާރީތަކަށް ބޭނުންވާ 800,000 (އަށްލައްކަ) ރުފިޔާގެ ބަޖެޓެއް ކުޅުދުއްފުށި ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
މި ބަޖެޓު ފާސްކޮށްފައިވަނީ ބާޒާރު ބޭއްވުމަށްޓަކައި ޓެންޓްބަރި ތައްޔާރުކުރުމާއި، ސްޓޭޖްގެ މަސައްކަތްތަކާއި، ތަނުގެ ލައިޓިންގ، ސައުންޑް އަދި އެހެނިހެން އިންތިޒާމުތައް ހަމަޖެއްސުމަށެވެ.
މި ނިންމުން ނިންމާފައިވަނީ 09 ސެޕްޓެމްބަރ 2026 ގައި ބޭއްވުނު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ 17 ވަނަ ޢާންމު ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ބޮޑު ބާޒާރުގެ ބަޖެޓުގެ އިތުރުން މުހިންމު އެހެން ނިންމުންތަކެއްވެސް ވަނީ ނިންމާފައެވެ. އެގޮތުން އޮޑިހަރުގެ އެޅުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގެ މުއްދަތަށް 181 ދުވަސް އިތުރުކުރުމާއި، ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1448 އަދި ސިޓީ ކައުންސިލްގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފްލާގެ އިންތިޒާމުތައް ބީލަން އުޞޫލުން ކުރިއަށް ގެންދިއުން ހިމެނެއެވެ.
ކުޅުދުއްފުށީގައި ބާއްވަން ޕްލޭންކޮށްފައިވާ "އައިލެންޑް ކާނިވަލް" އާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެފައިވަނީ، މި ކާނިވަލް ވެގެންދާނީ ރާއްޖޭގެ ރަށެއްގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ކާނިވަލަށް ކަމަށެވެ. މޭޔަރު މިހެން ވިދާޅުވީ 31 ޖުލައި 2026 ގައި ރައްޔިތުންނާ ބައްދަލުކުރައްވައި ކައުންސިލްގެ މަސައްކަތްތައް ހިއްސާކުރައްވަމުންނެވެ.
"އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު މަހުގެ ފަހުކޮޅިގައި އަޅުގަނޑުމެން އައިލެންޑް ކާނިވަލާއެކީގައި އެ ބާޒާރު ކުޅުދުއްފުށީގައި ކުރިއަށް ގެންދާނަން، އައިލެންޑް ކާނިވަލްއޭ ބުނީމަ ތިޔަ ބޭފުޅުންނަށް ފަހަރެއްގަ ކިހާވަރެއްގެ ކާނިވަލްއެއްކަން ނޭނގިދާނެ، އެހެންކަމުން އަޅުގަނޑު ދަންވާލަން މިހާތަނަށް ރާއްޖޭގެ ރަށެއްގައި ބޭއްވޭ އެންމެ ބޮޑު ކާނިވަލް މިކާނިވަލަކީ،" މޭޔަރު ވިދާޅުވިއެވެ.
ކުޅުދުއްފުށި ސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ބޮޑު ބާޒާރުގައި ބައިވެރިވުމުގެ ފުރުޞަތު ސިޓީ ކައުންސިލުން ވަނީ 12 ޖުލައި 2026 އިން 23 ޖުލައިގެ ނިޔަލަށް ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!