ނ. އަތޮޅު ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތާއެކު، ސްޕީޗް އެންޑް ލޭންގްއޭޖް އެސެސްމަންޓް ހެދުމާއި، ވޮއިސް ތެރަޕީ އަދި އަރޓިކިޔުލޭޝަން ތެރަޕީގެ ޚިދުމަތް ވެސް ލިބޭނެކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

Ad
rt

ނ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އަޙުމަދު މައިމޫން "ތިލަދުން"އަށް ވިދާޅުވީ، މި މަސައްކަތް ފެށިގެން ދިޔައީ، 2025ވަނަ އަހަރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަނަދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށު ހޮސްޕިޓަލުން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތެރަޕީގެ ޚިދުމަތް ލިބެން ފަށާނީ ކޮން އިރަކުތޯ، އާންމު ރައްޔިތަކު ކުރި ސުވާލާ ގުޅިގެންނެވެ.

ސްޕީޗް ތެރަޕިސްޓަކީ، ނުވަ އަހަރުގެ ތަޖުރިބާއާއެކު އެ ހޮސްޕިޓަލާ ގުޅިވަޑައިގެންނެވި އިންޑިއާގެ ޑޮކްޓަރެއްކަމަށާއި، އެ ޑޮކްޓަރގެ ތަޖުރިބާއާއެކު، ތުއްތު ކުދިންނަށް ވަރަށް ފުޅާ ދާއިރާއެއްގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފޯރުކޮއްދެވޭނެކަމަށް ވެސް މައިމޫން ވިދާޅުވިއެވެ.

މީގެއިތުރުން މައިމޫން މަޢުލޫމާތު ދެއްވި ގޮތުގައި، މި ވަގުތު އެންމެ ބޭސިކުން ޚިދުމަތް ފެށި ނަމަވެސް، މުސްތަޤްބަލުގައި ހޮސްޕިޓަލުގެ އަމާޒަކީ، މި ޚިދުމަތް ފުޅާކޮށް، ތަރައްޤީ ކުރުމެވެ.

މިއީ އަލަށް ތަޢާރަފްވި ޚިދުމަތަކަށް ވާތީ، ހޮސްޕިޓަލްގެ މުވައްޒަފުންނަށާއި، މުދައްރިސުން، މި ކަމަށް އަހުލުވެރިކުރުވުމަށްޓަކައި މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދީފައިވެއެވެ.

މި ޚިދުމަތް ނ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމްކުރެވުމާއެކު، މަނަދޫގެ އިތުރުން، މުޅި ނޫނު އަތޮޅަށް ވެސް މިކަމުގެ ސަބަބުން ފައިދާ ކުރާނެކަމަށް ހޮސްޕިޓަލުން ބުނެއެވެ. އަތޮޅުތެރޭގައި ގިނަ ޢަދަދެއްގެ ޚާއްސައެހީއަށް ބޭނުންވާ ކުދިން ތިބުމާއެކު، މިހާރު ފަރުވާ ހޯދަން މާލެ ދިޔުން މަދުވާނެކަމަށް މެނޭޖަރ މައިމޫން ހާމަކުރެއްވިއެވެ.

މި ފުރުޞަތުގައި، ޞިއްޙީ ދާއިރާއަށް ސަރުކާރުން، ދެއްވާ އިސްކަމާއި، ސަމާލުކަން އަދި ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ޞިއްޙީ ޚިދުމަތްތައް ފޯރުކޮއްދޭކަން، ފާހަގަ ކުރައްވައި، އިތުރަށް މައިމޫން ވިދާޅުވީ، ނަފްސާނީ ބަލިތަކާއި ފިޒިއޯތެރަޕީގެ ޚިދުމަތުގެ އިތުރުން، ސްޕީޗްތެރަޕީގެ ޚިދުމަތް ވެސް މިހާރު އެ ހޮސްޕިޓަލުގައި ޤާއިމު ކުރެވިފައިވާކަމަށެވެ. އެކަމަށްޓަކައި، މައިމޫންވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވާފައެވެ.