އިންސާނީ ތާރީޚުގައި ފުރަތަމަ ފަހަރަށް، ދުނިޔޭގެ ނިސްބަތުން އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށްވުރެ އުމުރުން 65 އަހަރާއި އެއަށްވުރެ މަތީގެ އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރުވެއްޖެއެވެ.
އެމެރިކާގެ ސެންސަސް ބިއުރޯއިން ނެރުނު އާ ރިޕޯޓަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ މުޅި ދުނިޔޭގެ އާބާދީގެ އޮނިގަނޑަށް އައިސްފައިވާ ވަރަށް ބޮޑު އަދި ތާރީޚީ ބަދަލެކެވެ.
މި ބަދަލު އައުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުދިން ވިހާ މިންވަރު ނުވަތަ ފާޓިލިޓީ ރޭޓު ނުހަނު ބޮޑަށް ދަށަށް ދިއުމާއި، ސިއްހީ ޚިދުމަތްތައް ރަނގަޅުވުމުގެ ސަބަބުން މީހުން ދިރިއުޅޭ އުމުރު ދިގުވުން ހިމެނެއެވެ. ސެންސަސް ބިއުރޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރާ ހަމައަށް އައިއިރު، ދުނިޔޭގެ އާބާދީގެ 71 އިންސައްތައަށްވުރެ ގިނަ މީހުން ދިރިއުޅެމުންދަނީ އާބާދީ އެއްވަރެއްގައި ހިފެހެއްޓުމަށް ބޭނުންވާ މިންވަރު (އަންހެނަކަށް 2.1 ކުދިން) އަށްވުރެ މަދުން ކުދިން ވިހާ ގައުމުތަކުގައެވެ. މިއީ 2013 ވަނަ އަހަރު 45 އިންސައްތައިގައި ހުރި ނިސްބަތެކެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ހިންދުސްތާނާއި (އިންޑިއާ) ޗައިނާގެ އިތުރުން ބަންގްލާދޭޝް، މެކްސިކޯ އަދި ވިއެޓްނާމް ފަދަ ގައުމުތަކުގައިވެސް ކުދިން ވިހާ މިންވަރު ވަނީ މިއަށްވުރެ ދަށަށް ގޮސްފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރު 852 މިލިއަނުގައި ހުރި އުމުރުން 65 އަހަރާއި އެއަށްވުރެ މަތީގެ މީހުންގެ އާބާދީ، 2060 ވަނަ އަހަރާ ހަމައަށް އަންނައިރު ގާތްގަނޑަކަށް 2 ބިލިއަނަށް އަރާނެއެވެ. މިއީ އެ މުއްދަތުގެ ތެރޭގައި ދުނިޔޭގެ މުޅި އާބާދީއަށް އަންނާނެ އިތުރުވުމުގެ 55 އިންސައްތައެވެ. އެއާއެކު، 2060 ގައި ދުނިޔޭގެ މުޅި އާބާދީ 8.13 ބިލިއަނުން 10.23 ބިލިއަނަށް އުފުލޭއިރު، އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އާބާދީގެ 19.6 އިންސައްތައަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިންގެ ނިސްބަތް އޭރު ހުންނާނީ 7 އިންސައްތައަށްވުރެ ތިރީގައެވެ.
ސަރަހައްދީ ފެންވަރުގައި ބަލާއިރު، އުމުރުން ދުވަސްވީ މީހުންގެ އާބާދީ އެންމެ ބޮޑަށް އިތުރުވަމުންދަނީ އޭޝިއާ ބައްރުގައެވެ. އޭޝިއާގައި އުމުރުން 65 އަހަރާއި އެއަށްވުރެ މަތީގެ އާބާދީ 2025 ގައި ހުރި 487 މިލިއަނުން 2060 ވަނަ އަހަރާ ހަމައަށް 1.24 ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ މުޅި ދުނިޔެއަށް އަންނާނެ އިތުރުވުމުގެ ތިންބައިކުޅަ ދެބައެވެ. އެފްރިކާ ބައްރަކީ އެންމެ ޒުވާން އާބާދީއެއް އޮތް ސަރަހައްދު ކަމުގައިވީ ނަމަވެސް، އެ ބައްރުގެ ދުވަސްވީ މީހުންގެ އާބާދީ 60 މިލިއަނުން 249 މިލިއަނަށް އިތުރުވެ، 2060 ގެ ނިޔަލަށް ޔޫރަޕްގެ 214 މިލިއަނަށްވުރެ މަތިވާނެއެވެ. މީގެއިތުރުން، އެމެރިކާގައި 2025 ގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް 18.9 އިންސައްތައިގައި (48 ވަނައިގައި) ހުރި ނަމަވެސް، 2060 ގައި އެ ނިސްބަތް 23.4 އިންސައްތައަށް އުފުލުނު ކަމުގައިވިޔަސް، އެހެން ގައުމުތަކުގެ އާބާދީ މާ އަވަހަށް އުމުރުން ދުވަސްވަމުންދާތީ އެމެރިކާގެ ދަރަޖަ 110 ވަނައަށް ވެއްޓޭނެ ކަމަށް ބުނެފައިވެއެވެ.
އުފަންވާ މިންވަރު މަދުވެ، ދުވަސްވީ މީހުންގެ އާބާދީ ބޮޑުވުމުގެ ސަބަބުން ގައުމުތަކުގައި "ފާޓިލިޓީ ޓްރެޕް" އުފެދި، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށް ރިޕޯޓުގައިވެއެވެ. މަސައްކަތްކުރާ އުމުރުގެ މީހުންގެ ނިސްބަތް މަދުވެ، އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމަށާއި، ޕެންޝަން ނިޒާމުތަކަށާއި، ސިއްހީ ޚިދުމަތްތަކަށް ކުރަންޖެހޭ ހޭދަ އިންތިހާއަށް އިތުރުވެގެންދާނެއެވެ. މިއީ ތާރީޚީ ގޮތުން "ޕިރާމިޑް" ބައްޓަމަށް އޮތް އާބާދީގެ ތަރުތީބު، "އިންވާޓެޑް" ބައްޓަމަކަށް ބަދަލުވުމުގެ ނަތީޖާއެކެވެ.
ނަމަވެސް، އުމުރު ދިގުވުމަކީ ފާއިތުވި ގަރުނުގައި ސިއްހީ ދާއިރާއިން ހޯދާފައިވާ ބޮޑު ކާމިޔާބީއެއްގެ ގޮތުގައިވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އުމުރުން ދުވަސްވީ މީހުންނަކީ ކުށްކުރުން މަދު، އަދި އިގްތިސާދީ މަސައްކަތްތަކާއި އިޖުތިމާއީ ކަންކަމުގައި އެހީތެރިވެދެވޭނެ ބައެކެވެ. ރިޕޯޓަށް މަސައްކަތް ކުރެއްވި އެންޑްރޫ ސްކޮޓް ފާހަގަކުރެއްވި ގޮތުގައި، އުމުރުން ދުވަސްވީ މީހުންނަކީ ހަމައެކަނި ޚަރަދެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އިގްތިސާދީ ވަސީލަތެއްގެ ގޮތުގައި ދެކެންޖެހެއެވެ. އަދި ބަލިތަކުން ރައްކާތެރިވުމުގެ ސިއްހީ ފަރުވާއާއި، ދުވަސްވީ މީހުންނާ ރައްޓެހި ވަޒީފާތައް އުފެއްދުމުން، އެ މީހުންގެ ދިގު އުމުރުގެ ބޭނުން އިގްތިސާދަށް ހެޔޮގޮތުގައި ހިފިދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!