ހދ.މަކުނުދޫ ކައުންސިލްގެ "މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026"ގެ ގުރުއަތުލުމުގެ ހަރަކާތް ބާއްވައިފިއެވެ.
އެ ރަށު ކާނިމާލަމުގައި ބޭއްވި މި ހަރަކާތުގައި، މުބާރާތުގައި ބައިވެރިވާ 12 ޓީމުގެ މެދުގައި ގުރުއަތުލައިފައިވެއެވެ. އެ ގޮތުން 15 ސެޕްޓެމްބަރ 2026ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ ދުވަހު ހަތަރު މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ.
އެ ދުވަހުގެ ހަވީރު ރޯނު އަދި އިހްވާންގެ މެޗަށް ފަހު އެރޭ ކުޅުމަށް ހަމަޖެހިފައިވަނީ އިހްވާން ޖޫނިއާސް އާއި އިހްވާން އެސްސީއެވެ. އޭގެ އިތުރުން ވެސް އެރޭ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެއީ ދަގަތަ އެސްސީ އާއި ޗެލެންޖާސްއެވެ. ހަމައެއާއެކު އެރޭގެ އެންމެ ފަހު މެޗުގައި ބައްދަލް ކުރާނީ ޒައިޒީ އާއި ރޯނު ކަނބަލުންނެވެ.
މި މުބާރާތުގެ ސެމީ ފައިނަލް، 23 ސެޕްޓެމްބަރ 2026ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗްތައް ކުޅޭނީ 24 ސެޕްޓެމްބަރ 2026ގައެވެ.
މުބާރާތުގެ ޗެމްޕިއަންޓީމަށް ފިރިހެން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި ގޯލްޑް މެޑަލްއެވެ. މުބާރާތުގެ ޗެމްޕިއަން އަންހެން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 10،000ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި ގޯލްޑް މެޑަލްއެވެ.
އޭގެއިތުރުން މުބާރާތުގެ ދެވަނަ ފިރިހެން ޓީމަށް 15،000ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި ސިލްވަރ މެޑަލް ދިނުމަށް ކަނޑައަޅާފައިވާއިރު،
މުބާރާތުގެ ދެވަނަ އަންހެން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 5،000ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި ސިލްވަރ މެޑަލްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!