ކުރީގެ ބެލޮންޑިއޯ ހާސިލްކުރި ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ، ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދުން އަލް ހިލާލަށް ބަދަލުވިތާ އެންމެ ހަ މަސް ދުވަހުގެ ތެރޭގައި އެ ކްލަބް ދޫކޮށްލައިފިއެވެ.
ސައުދީގެ އަލް ހިލާލުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެފަރާތް އެއްބަސްވެގެން ކޮންޓްރެކްޓް ބާތިލްކުރަން ނިންމާފައިވާ ކަމަށެވެ. އުމުރުން 38 އަހަރުގެ ބެންޒެމާ ދެން ގުޅޭނީ އެހެން ކްލަބަކާތޯ ނުވަތަ ފުޓުބޯޅަ ކުޅުން ހުއްޓާލާނީތޯ އަދި ސާފެއް ނުވެއެވެ.
ބެންޒެމާ އަލް ހިލާލް ދޫކޮށްލިކަން އިއުލާނުކޮށްފައި މިވަނީ، އެސްޓަން ވިލާ ދޫކޮށް އިންގްލެންޑުގެ ފޯވާޑް އޮލީ ވަޓްކިންސް 51 މިލިއަން ޕައުންޑް (69 މިލިއަން ޑޮލަރު) ގެ އަގަކަށް އަލް ހިލާލާ ގުޅުނުތާ އެއް ދުވަސް ފަހުންނެވެ.
ރެއާލް މެޑްރިޑުގައި 14 އަހަރު ހޭދަކޮށް 648 މެޗުން 354 ލަނޑު ޖެހުމަށްފަހު، ބެންޒެމާ ސައުދީ އަރަބިއްޔާއަށް ބަދަލުވީ 2023 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އޭނާ ވަނީ ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގުގެ ފަސް ތަށި ހިމެނޭހެން ކްލަބް ރެކޯޑެއް ކަމަށްވާ 25 ތަށި ކާމިޔާބުކޮށްފައެވެ. އަދި ފްރާންސްގެ ގައުމީ ޓީމަށް ކުޅެދިން 97 މެޗުގައި އޭނާ ވަނީ 37 ލަނޑު ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!