ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖް 2026" ގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އިންތިޒާމްކުރާ މުބާރާތެކެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 9 އޮކްޓޯބަރ 2026 އެވެ.
ކުޅުދުއްފުށީގެ ޒުވާނުންނަށާއި ފުޓްސަލް ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމަށާއި ރަށުގެ ޒުވާނުންގެ ފުޓްސަލްގެ ހުނަރު އިތުރުކޮށް، ޤައުމީ ފެންވަރުގައި ފުޓްސަލްކުޅޭ ޒުވާނުން އުފައްދައި، ކުޅުދުއްފުށީގެ ދެ ޖިންސުގެ ފުޓްސަލް ކުޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމަކީ މި މުބާރާތުގެ މައިގަނޑު މަޤްޞަދެވެ. މީގެއިތުރުން ޒުވާނުން ކުށުގެ ވެށިން ދުރުކޮށް، ރަށުގެ އިޖްތިމާޢީ ރޫޙު އާލާކޮށް ދިރުވައި، ކުޅިވަރާއި ކަސްރަތުގެ ތެރެއިން ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމަކީ މި މުބާރާތުގެ އަމާޒުވެސްމެއެވެ.
މި މުބާރާތުގައި ހޮވާ، ގިނަ މަޤާމުތަކަށް ވަނީ ފައިސާގެ އިނާމު ހުށަހަޅާފައެވެ. އެގޮތުން
- ޗެމްޕިއަންޓީމް (އަންހެން، ފިރިހެން) 30،000ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ
- ރަނަރއަޕް ޓީމް (އަންހެން،ފިރިހެން) 15،000ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ
- ފެއަރ ޕްލޭ ޓީމް (އަންހެން، ފިރިހެން) ޝީލްޑް
- ކުޅުދުއްފުށީ ފުޓްސަލް ކިންގް 2000ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ
- ކުޅުދުއްފުށީ ފުޓްސަލް ކުއީން 2000ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ
- މުބާރާތުގެ ބެސްޓް ޔަންގް ޕްލޭޔަރ (އަންހެން،ފިރިހެން) 1،500 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ
- މުބާރާތުގެ ޓޮޕް ސްކޯރަރ (އަންހެން، ފިރިހެން) 1،500ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ
- މުބާރާތުގެ ޓޮޕް ކޯޗް (އަންހެން، ފިރިހެން) 1000ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ
- މުބާރާތުގެ ޑްރީމް ޓީމް (އަންހެން، ފިރިހެން) 1000ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ
- ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗް އަދި ކުއީން އޮފް ދަ މެޗް- ޓްރޮފީ
މި މުބާރާތަކީ ކުޅުދުއްފުށީގެ ދެޖިންސުގެ ޒުވާނުންނަށާއި ފުޓްސަލް ކުޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމުތަކުން 6 ސެޕްޓެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ކަނޑައެޅިފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމު ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިފައިވެއެވެ. ބައިވެރިވާ ޓީމުތަކުގެ ޓީމު ލިސްޓު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 27 ސެޕްޓެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނާގޮތުގައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީވާ 16 ފިރިހެން އަދި 8 އަންހެން ޓީމަށެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މީގެ ކުރިން ބާއްވަމުން އައީ ''ކުޅުދުއްފުށީ ޗެމްޕިއަންޝިޕް''ގެ ނަމުގައި ފުޓްބޯޅަ މުބާރާތެކެވެ. ނަމަވެސް އެ ސިޓީގެ ދަނޑުތައް މަރާމާތުކުރުމުގެ މަސައްކަތް ހިނގާތީ މިއަހަރު ފުޓްސަލް މުބާރާތެއް ބާއްވަން ސިޓީކައުންސިލުން ނިންމީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!