އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި މަސައްކަތުގެ މާޙައުލުގެ އެންމެ ފުރިހަމަ އުސޫލުތަކުގެ މުސްތަޤުބަލަށް އަމާޒުކޮށްގެން ބާއްވާ "ދަ ގްރޭޓް އެޗްއާރް ބެސްޓް ޕްރެކްޓިސް ޝެއަރ" ޕްރޮގްރާމް މިއަދު ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (މާޕް) އާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން އިންތިޒާމުކުރާ މި ޕްރޮގްރާމަކީ، ސަރުކާރުގެ މުއައްސަސާތަކާއި ވިޔަފާރިތަކުގެ އިތުރުން ޢާންމު ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިސްވެރިންނާއި ފަންނީ މާހިރުން އެއްތަނަކަށް އެއްވެ، މަޢުލޫމާތު ބަދަލުކުރުމަށާއި، އެންމެ ރަނގަޅު އުސޫލުތައް ޙިއްޞާކުރުމުގެ އިތުރުން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި ކުރިމަގަށް އަމާޒުކޮށް ވިސްނުންތެރި ގޮތްތަކެއް ހޯދުމަށް ބާއްވާ ޕްރޮގްރާމެކެވެ.
ކުޅުދުއްފުށީ ސިޓީގައި ހުންނަ އެމް.އެން.ޔޫ ކެމްޕަސްގައި މިއަދު ހެނދުނު 09:00 އިން 12:00 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ މައުޟޫއަކީ "ހިއުމަން ކެޕިޓަލްގެ ފުރިހަމަކަމާއި މަސައްކަތުގެ މާހައުލުގެ އުސޫލުތަކުގެ މުސްތަގުބަލު"އެވެ.
ކުޅުދުއްފުށީ ކުރިއަށް ގެންދިޔަ މާޕްގެ "ދަ ގްރޭޓް އެޗްއާރް ބެސްޓް ޕްރެކްޓިސް ޝެއަރ" ޕްރޮގްރާމްގައި މޭޔަރު އާތިފް ވާހަކަ ދައްކަވަނީ، ފޮޓޯ: ސިޓީ ކައުންސިލް
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާމަކުރާ ގޮތުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގޭ މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ، މުއައްސަސާތަކުގެ ހިންގުމުގެ އުސޫލުތައް ހަރުދަނާކުރުމާއި، މަސައްކަތުގެ މާޙައުލުގެ ފެންވަރު މަތިކުރުމުގެ އިތުރުން، މުޅި ރާއްޖޭގައި މުސްތަޤުބަލަށް ތައްޔާރުވެފައިވާ މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް އެހީތެރިވެދިނުމެވެ.
މިފަދަ މުހިންމު ޕްރޮގްރާމެއް ކުޅުދުއްފުށި ސިޓީގައި ބޭއްވުމުގެ ފުރުޞަތު ލިބުމާއި، އުނގެނުމާއި، އެކުގައި މަސައްކަތްކުރުމުގެ އިތުރުން އަގުހުރި މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުމުގެ ޕްލެޓްފޯމެއް ޤާއިމުކޮށްދެވުނު ކަމީ ނުހަނު ފަޚުރުވެރިވާ ކަމެއްކަމުގައި ސިޓީކައުންސިލުން ބުނެފައިވެއެވެ.
މާޕް އިން ކުރިއަށްގެންދާ "ދަ ގްރޭޓް އެޗް.އާރް. ބެސްޓް ޕްރެކްޓިސް ޝެއަރ" އަކީ މަސައްކަތުގެ މާހައުލުގައި އެންމެ ފުރިހަމަ ނަތީޖާ ހާސިލުކޮށް، މަސައްކަތުގެ މުސްތަގުބަލު އިތުރަށް ހަރުދަނާކުރުމަށްޓަކައި ހިއުމަން ކެޕިޓަލްއާ ގުޅުންހުރި އުސޫލުތަކާއި އިސްނެގުންތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ޕްރޮގްރާމް ސިލްސިލާއެކެވެ.
ކުޅުދުއްފުށީ ކުރިއަށް ގެންދިޔަ މާޕްގެ "ދަ ގްރޭޓް އެޗްއާރް ބެސްޓް ޕްރެކްޓިސް ޝެއަރ" ޕްރޮގްރާމްގެ ތެރެއިން، ފޮޓޯ: ސިޓީ ކައުންސިލް
މާޕް އިން ބުނެފައި ވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލާ ގުޅިގެން، މި އުނގެނުމާއި މައުލޫމާތު ބަދަލުކުރުމުގެ ތަޖުރިބާ ކުޅުދުއްފުށި ސިޓީއަށް ގެނެސްދިނުމަކީ އެ ޖަމިއްޔާއަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ.
މާޕް އިން ކުޅުދުއްފުށީ ސިޓީގައި މިއަދު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ކީނޯޓް ސްޕީކަރ އަކީ މައީޝާ އާސިފެވެ. އޭނާ ވަނީ ތަފާތު ޖީލުތަކުގެ މެދުގައި ހުރި ފަރަގުތަކަށާއި، ހުރިހާ ޖީލެއްގެ މީހުންނަށްވެސް ކުރިއަރައިދެވޭނެ ފަދަ މަސައްކަތުގެ މާހައުލެއް ބިނާކުރުމަށްޓަކައި ލީޑަރުންނަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަ ދައްކާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!