އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ފައްޓަވާފައިވާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އަސްކަރިއްޔާ މާލީ ގޮތުން ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ދަ ގާޑިއަން ނޫހުން ރިޕޯޓްކޮށްފިއެވެ.
މި ރިޕޯޓުގައި ވާގޮތުން، ހަނގުރާމައިގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި އެމެރިކާގެ ނޭވީގެ މުވައްޒަފުންގެ މުސާރަ ދިނުމަށް ކަނޑައަޅާފައިވާ ބަޖެޓުންނާއި އެހެނިހެން ވަސީލަތްތަކުން ފައިސާ ބަދަލުކުރަން ވަނީ މަޖުބޫރުވެފައެވެ.
މުސާރައަށް ކަނޑައަޅާފައިވާ ބަޖެޓުން ހަނގުރާމައަށް ފައިސާ ނަގަނީ
ޕެންޓަގަންގެ ލިޔެކިޔުންތަކާއި އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ނެރުނު މި ރިޕޯޓުގައި ބުނެފައިވަނީ، ހަނގުރާމައިގެ އޮޕަރޭޝަންތަކަށް ފައިސާ ހަމަޖެއްސުމަށް މުސާރަ އެކައުންޓުތަކުން ފައިސާ ނަގަމުންދާތީ އެ އެކައުންޓުތަކުގައި ފައިސާ މަދުވެފައިވާ ކަމަށެވެ. ނަން ހާމަނުކުރާ ނޭވީގެ އޮފިޝަލަކު ބުނި ގޮތުގައި، މުސާރައަށް ކަނޑައެޅި ފައިސާ ނަގާފައިވަނީ ޤައުމުން ބޭރުގައި ހިންގާ އޮޕަރޭޝަންތަކަށެވެ. އަދި މިހާރު މުސާރަތައް ދެނީ ޚަރަދުނުކޮށް ހުރި އެހެން ފައިސާތަކުން ފޫބައްދައިގެންނެވެ.
މާލީ އަހަރު 2026 އަށް އެމެރިކާގެ ނޭވީއަށް ކަނޑައެޅި ގާތްގަނޑަކަށް 300 ބިލިއަން ޑޮލަރުގެ ބަޖެޓަކީ، ފެބުރުއަރީ 2026 ގެ ފަހުކޮޅުން ފެށިގެން ދިގުދެމިގެން ގޮސްފައިވާ މި ހަނގުރާމައަށް އަންދާޒާކޮށްގެން ހަމަޖެއްސި ބަޖެޓެއް ނޫނެވެ. އީރާނާ ދެކޮޅަށް ދެމުންދާ ހަމަލާތަކާއި، ހޮރްމޫޒް ކަނޑުއޮޅި ހިމެނޭހެން އަޅާފައިވާ ކަނޑުގެ ބްލޮކޭޑްތަކާއި، ގިނަ އަދަދެއްގެ ހަތިޔާރު ބޭނުންކުރުމުގެ އިތުރުން، އީރާނުން އެމެރިކާގެ ބޭސްތަކަށް ދޭ ބަދަލުހިފުމުގެ ހަމަލާތަކުގެ ސަބަބުން ޚަރަދުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.
އިމަޖެންސީ ފަންޑިން ނުލިބިއްޖެނަމަ އިތުރު ނުރައްކަލެއް
ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ ކޮންގްރެސް މެދުވެރިކޮށް އިމަޖެންސީ ފަންޑިން ހޯދުމަށް މަސައްކަތް ފަށްޓަވާފައެވެ. ކުރިން ހާމަކުރެވުނު މައުލޫމާތުތަކަށް ބަލާއިރު މި ހަނގުރާމައިގެ ޚަރަދު ގާތްގަނޑަކަށް 35.7 އާއި 37.5 ބިލިއަން ޑޮލަރާ ދެމެދަށް އަރައެވެ. މި ފައިސާ ނުލިބިއްޖެނަމަ، ސެޕްޓެމްބަރު 30 ގައި މާލީ އަހަރު ނިމޭއިރު މުވައްޒަފުންގެ މުސާރައަށާއި، ހަތިޔާރު އައުކުރުމަށާއި އަސްކަރީ އޮޕަރޭޝަންތަކަށް ވަރަށް ބޮޑު ދަތިކަމެއް ކުރިމަތިވާނެ ކަމަށް އޮފިޝަލުން އިންޒާރު ދެއެވެ. ނަމަވެސް، ހަނގުރާމައަށް އޮތް ތާއީދު ކުޑަވުމުގެ ސަބަބުން މި ފަންޑު ފާސްވުމާމެދު ވަނީ ސުވާލު އުފެދިފައެވެ.
މި ރިޕޯޓުތަކާ ގުޅިގެން ނޭވީގެ ތަރުޖަމާނު ވަނީ މުސާރަ ނުދެވިދާނެ ފަދަ ކުއްލި ނުރައްކަލެއް ނެތް ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ވަސީލަތްތައް މެނޭޖުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް އޭނާ ވަނީ އެއްބަސްވެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!