ކުޅުދުއްފުށި ސިޓީ ކައުންސިލުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް އިސްކަންދޭ ޚިދުމަތުގެ ސަގާފަތެއް އަށަގަންނުވުމުގެ މަޤްޞަދުގައި އެ ކައުންސިލުގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ދެ ދުވަހުގެ އިންޓެންސިވް ޓްރެއިނިންގ ޕްރޮގްރާމެއް

Ad
rt

ދެ ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދެވުނު މި އިންޓެންސިވް ޓްރެއިނިންގ ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ މަޝްހޫރު ކީނޯޓް ސްޕީކަރ، އެގްޒެކެޓިވް ކޯޗް، މެންޓަރ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރް ޕްރޮފެޝަނަލްސް (އެމް.އޭ.އެޗް.އާރް.ޕީ) ގެ ކޯ-ފައުންޑަރ އަދި ވައިސް ޕްރެޒިޑެންޓް އަފީފް ހުސައިން އެވެ.

އިސްވެރިންނާއި ޔުނިޓް ހެޑުންނަށް ޚާއްޞަ ސެޝަނެއް

ކައުންސިލުގެ އިސްވެރިންނާއި ޔުނިޓް ހެޑުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދެވުނީ "ސާވިސް ލީޑަޝިޕް - ސަގާފަތް - ކައުންސިލުގެ ކުރިމަގު" މި މައުޟޫޢުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދިޔަ ސެޝަނެކެވެ. މި ސެޝަނުގައި ކައުންސިލުގެ ލީޑަޝިޕް ސަގާފަތް އިތުރަށް ވަރުގަދަކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ކުރިމަގުގައި އިތުރަށް ހަރުދަނާކުރާނެ ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

އިދާރީ މުވައްޒަފުންނަށް "ސާވިސް އެކްސެލެންސް"

މީގެއިތުރުން، ކައުންސިލުގެ އިދާރީ މުވައްޒަފުންނަށް އަމާޒުކޮށްގެން ވަނީ "ސާވިސް އެކްސެލެންސް" ޕްރޮގްރާމް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަންގައި "ސިޓިޒަން ސެންޓްރިސިޓީ" އާއި މަސައްކަތުގެ އަޚްލާގަށް އަލިއަޅުވާލާފައިވާއިރު، ދެވަނަ ސެޝަންގައި ވަނީ "ވާރލްޑް-ކްލާސް" ޚިދުމަތެއް ދިނުމުގެ މައިގަނޑު އަސާސްތަކާއި ޚިދުމަތުގެ މިންގަނޑުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ.

ކައުންސިލް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި މިފަދަ މަޢުލޫމާތުން މުއްސަނދި، އަގުހުރި ސެޝަންތަކެއް ނަންގަވައިދެއްވި ކަމަށްޓަކައި އަފީފް ހުސައިންއަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.