ދިވެހި އަންހެނުންގެ ވިލުންތެރިކަމާއި، ވިސްނުންތެރިކަން އަދި މަސައްކަތްތެރިކަން އަބަދުވެސް ދިވެހި ޤައުމަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ "ވިލުންތެރި ކަނބަލުން" ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވާފައެވެ. އަދި ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މިފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އިސްލާމްދީން ވަނީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ޢަދުލު ޤާއިމުކޮށްދެއްވާފައި ކަމަށާއި، އިސްލާމީ ތާރީޚު ވަނީ އަންހެނާގެ ދައުރު ދިރިއުޅުމުގެ އެތައް މައިދާނަކުން ތަމްސީލުކޮށްދީފައިކަން އެކަމަނާ ހަނދާންކޮށްދެއްވިއެވެ. އަދި ރާއްޖޭގެ ތާރީޚަށް ބަލާއިރު ދިވެހި އަންހެނުންނަކީ ވަރަށް ނަސީބުވެރި ބައެއްކަން ފާހަގަކުރައްވައި، އިސްލާމީ ތާރީޚު އަންހެނުންނަށް ގޮވާލަނީ އުންމަތް ބާރުވެރިކުރުވައި، މުޖުތަމަޢު ޤަދަރުވެރިކުރުވައި، މުރާލި ހީވާގި ހުނަރުވެރި ޚުލްޤުހެޔޮ ބަޔަކަށްވުމަށް ކަމުގައި ވިދާޅުވިއެވެ.

ދިވެހީންގެ މި ހަމަހަމަ ސަގާފަތް ދަމަހައްޓައި، ފިކުރީ ގޮތުންނާއި ޢަމަލީ ގޮތުން ވިލުންތެރި އެތައް އަންހެނުންނެއް ބިނާވެގެންދާ މި ފުރުޞަތަކީ ވަރަށް ތާރީޚީ ފުރުޞަތެއްގެ ގޮތުގައިވެސް މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި "ވިލުންތެރި ކަނބަލުން" ޕްރޮގްރާމުން ދަސްވެނިވި 8 ބެޗެއްގެ 170 އަށްވުރެ ގިނަ ދަސްވެނީންނަށް މެޑަމް ސާޖިދާ ވަނީ ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައެވެ. އަދި ދަސްވެނީންނާއެކުގައާއި، ރަސްމިއްޔާތުގައި ހުށައެޅުމެއް ހުށައަޅައިދިން މުޙައްމަދު ޤާސިމް ޕްރީސްކޫލް ބޭންޑުގެ ދަރިވަރުންނާއެކު އެކަމަނާ ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.

"ވިލުންތެރި ކަނބަލުން" ޕްރޮގްރާމަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އަންހެނުންނަކީ ކޮންމެ ކަމެއްގައިވެސް އެހެން މީހުންނަށް ބަރޯސާނުވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން ބާރުވެރިކުރުވުމެވެ.