ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ވެރިފިކޭޝަން ފަހުމުނާމާ (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައެވެ.
މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލާ ގުޅޭގޮތުން، ބޭންކުތައް މެދުވެރިކޮށް ހިންގާ ވިޔަފާރި ޓްރާންސެކްޝަންތަކުގެ މައުލޫމާތު، ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު ބަދަލުކުރާނެ ސިސްޓަމެއް ގާއިމުކުރެވިގެންދާނެއެވެ.
މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ، މުދާ އެތެރެކުރުމަށް ޓީ.ޓީ މެދުވެރިކޮށް ކުރާ ފައިސާގެ މުޢާމަލާތްތަކާއި، އަދި އެތެރެކުރެވޭ މުދަލުގެ މަޢުލޫމާތު ދިމާވޭތޯ ބެލުމުގެ ނިޒާމު ހަރުދަނާކުރުމެވެ. މީގެއިތުރުން ވިޔަފާރިއާ ގުޅުންހުރި މާލީ މުޢާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަކީ ވެސް މި އެއްބަސްވުމުގެ މުހިންމު ބޭނުމެކެވެ.
މި ފަހުމުނާމާގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. އަދި ބޭންކުތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުތަކުގެ ސީ.އީ.އޯ އިންނާއި މެނޭޖިންގ ޑައިރެކްޓަރުންނެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދެވޭ މަސައްކަތްތައް ވިލަރެސްކުރާނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!