އީރާނުގެ ވެރިރަށް ތެހެރާނުގައި ޒަމާނީ ފެންވަރުގެ އައު 10 ތަޢުލީމީ ކޮމްޕްލެކްސް (މަދްރަސާ ޝަހްރު) އެއްފަހަރާ ބިނާކުރުމަށްޓަކައި ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައި، އަމަލީ މަސައްކަތް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ.
މި މަޝްރޫޢަކީ ކުރިމަގަށް އަމާޒުކޮށްގެން އިންޓަރެކްޓިވް ކޮންސެޕްޓަކަށް ތަރައްޤީކުރާ ސްކޫލްތަކެކެވެ.
މި މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި އީރާނުގެ ރައީސް ޑރ. މަސްޢޫދު ޕެޒެޝްކިއާން ބައިވެރިވެވަޑައިގެން ރަސްމީކޮށް މަސައްކަތް ފެށުމަށް އަމުރު ނެރުއްވިއެވެ.
"ތަޢުލީމަށް ކުރާ އިންވެސްޓްމަންޓަކީ އީރާނުގެ ކުރިމަގަށް ކުރާ އިންވެސްޓްމަންޓެއް. ކޮންމެ ދަރިވަރަކަށްވެސް އުނގެނުމާއި، ކުރިއަރައި ދިއުމާއި، ރަނގަޅު މުސްތަޤްބަލެއް ބިނާކުރުމުގެ ފުރުޞަތު ފަހިކޮށްދޭ ރައްކާތެރި، ޒަމާނީ އަދި އެހީތެރިކަން ލިބޭ ތަޢުލީމީ މާޙައުލެއް އަޅުގަނޑުމެން ބިނާކުރަންޖެހޭ،" މި ރަސްމިއްޔާތަށްފަހު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޕެޒެޝްކިއާން ވިދާޅުވެފަވެއެވެ.
ތެހެރާނުގައި ޒަމާނީ ފެންވަރުގެ 10 ތަޢުލީމީ ކޮމްޕްލެކްސް ބިނާކުރުމުގެ ރަސްމިޔާތުގައި ރައީސް ޕެޒެޝްކިއާން އާއި އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ
ދާރުލް ޝުހަދާގައި ބޭއްވުނު މި ރަސްމިއްޔާތުގައި ތެހެރާނުގެ މޭޔަރު ޢަލީ ރިޟާ ޒަކާނީ، ގަވަރުނަރު މުޙައްމަދު ޞާދިޤް މުޢުތަމަދިޔާން އަދި އެޑިޔުކޭޝަން މިނިސްޓަރު ޢަލީ ރިޟާ ކާޒިމީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި 10 މަޝްރޫޢަކީ ތެހެރާނުގައި ޤާއިމުކުރުމަށް އިސްކަންދީފައިވާ 80 ބޮޑެތި ތަޢުލީމީ ކޮމްޕްލެކްސްގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ މަޝްރޫޢުތަކެވެ. މި ތަންތަން ފަރުމާކުރެވެނީ ހަމައެކަނި ކްލާސްރޫމްތަކެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި ތަޢުލީމީ، އިޖުތިމާޢީ، ޘަޤާފީ، ކުޅިވަރު އަދި ޓެކްނޮލޮޖީގެ ޚިދުމަތްތައް ހިމެނޭ މަލްޓި-ޕާޕަސް ''ސްކޫލް-ސިޓީ'' ތަކެއްގެ ގޮތުގައެވެ. މި މަޝްރޫޢުތަކަށް ޖުމްލަ 417,500 އަކަމީޓަރުގެ ބިން ވަނީ ކަނޑައަޅާފައެވެ.
ތެހެރާނުގެ މުނިސިޕަލްޓީއާއި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު އަމާޒަކީ، ތެހެރާނުގައި ހުރި ގާތްގަނޑަކަށް 2,800 ސްކޫލްގެ ތެރެއިން ބާވެ ހަލާކުވަމުންދާ ސްކޫލްތައް އަޕްގްރޭޑްކޮށް ބަދަލުކުރުމަށްޓަކައި 450 ބޮޑު ތަޢުލީމީ ކޮމްޕްލެކްސް ޤާއިމުކުރުމެވެ. މި ފުރަތަމަ 10 ކޮމްޕްލެކްސްގެ އަގު ގާތްގަނޑަކަށް 14.9 ޓްރިލިއަން ތޯމާން (ނުވަތަ 149 ޓްރިލިއަން ރިޔާލް) އަށް އަރައެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރުމާއި ބެލެހެއްޓުމުގެ މަސައްކަތް މުނިސިޕަލްޓީން ކުރާއިރު، އެޑިޔުކޭޝަން މިނިސްޓްރީން ފޯކަސްކުރާނީ ތަޢުލީމުގެ ފެންވަރާއި މަންހަޖު ހަރުދަނާކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!