ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިތުރުން ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ.

މި ތިން ބިލަކީ 17 އޯގަސްޓު 2026 ވީ ހޯމަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލްތަކެކެވެ.

Ad
rt

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށްޓަކައި، ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކޮށް ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ފާސްކުރި ބިލެކެވެ. މި ބިލުގެ ދަށުން ޤައުމީ ޕޭމަންޓް ސިސްޓަމުގައި ހިމެނޭ ވަކި ސިސްޓަމަކީ ނޭޝަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބިގެންވެއެވެ. އަދި ބޭންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުން، އެމްއެމްއޭއިން އަންގާ ގޮތެއްގެ މަތިން އަދި ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި މި ސިސްޓަމާ ގުޅި، މުޢާމަލާތްތައް މީގެ ތެރެއިން ރޫޓްކުރުން ވަނީ މަޖުބޫރުކޮށްފައެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ މަގުސަދަކީ އެ އޮތޯރިޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމެވެ. މި އިޞްލާޙާއެކު ކުރިން ފަސް މެންބަރުން ތިއްބެވި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އަދަދު، އަލަށް އައްޔަންކުރެވޭ ޗީފް އެގްޒެކެޓިވް އާއި ޤާނޫނީ ދާއިރާގެ މެންބަރާއެކު ހަތް މެންބަރުންނަށް ވަނީ އިތުރުކޮށްފައެވެ. އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްގެ މަޤާމަށް މީހަކު އައްޔަންކުރައްވާނީ ރައީސް ކަމަށްވާއިރު، ބޯޑަށް އިތުރަށް އައްޔަންކުރަންޖެހޭ މެންބަރުން ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އައްޔަންކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ގެނެވުނު ފުރަތަމަ އިޞްލާޙުގެ ދަށުން، ކުނި މެނޭޖުކުރާ ނިޒާމުތަކާއި މަރުކަޒުތައް ޤާއިމުކުރުމާއި މިންގަނޑުތައް ކަނޑައެޅުމުގައި ޤާނޫނު ތަންފީޛުކުރާ ވުޒާރާއާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި އެންވަޔަރަންމަންޓަލް ރެގިއުލެޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މިންގަނޑުތަކާ ޚިލާފަށް ކުނި މެނޭޖުކުރުމުގެ ސަބަބުން ތިމާވެއްޓަށް ނުވަތަ ޢާންމު ޞިއްޙަތަށް ނޭދެވޭ އަސަރެއް ކޮށްފިނަމަ، އެ ފަދައިން ޢަމަލުކުރާ ފަރާތްތައް ޖޫރިމަނާކުރުމުގެ ގަވާއިދު ހެދުމުގެ ބާރު އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ވަނީ ދީފައެވެ.

މި އިޞްލާޙުގައި އިޤްތިޞާދީ ނުވަތަ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ރަށްރަށާއި ސަރަޙައްދުތަކުގައި ކުނި މެނޭޖުކުރުމުގެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުން ކަށަވަރުކުރުމުގެ ޒިންމާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ވަނީ މަތިކޮށްފައެވެ. މީގެ އިތުރުން، ވިޔަފާރިތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ނަގާ 2 ރުފިޔާގެ ފީ، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިއަށް އިސްތިސްނާވާ ގޮތަށް ހަމަޖައްސައި، އޭރު ނެގެމުން އައި ޑަބަލް ޓެކްސް ވަނީ ހުއްޓުވާފައެވެ.

އަލަށް ތަޞްދީޤު ކުރެވުނު ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، އެއްވެސް ބާވަތެއްގެ ކުންޏެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ދޫކޮށްފައިވާ ހުއްދައެއް އޮވެގެން މެނުވީ، ނުރައްކާތެރި ކުންޏާއި އެފަދަ ކުނި ހިމެނޭ އެއްވެސް އެއްޗެއް ރާއްޖޭގައި ވިއްކުމާއި، ބޭނުންކުރުމާއި، ޑިސްޓްރިބިއުޓް ކުރުމަކީވެސް ކުށެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ އިޞްލާޙުގެ ދަށުން، މީހުން ދިރިއުޅޭ ރަށެއްގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭ އިޤްތިޞާދީ ނުވަތަ އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށްރަށާއި ސަރަހައްދުތަކުގައި އުފެދޭ ކުނި، މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދެވޭނެ ގޮތްތައް ވަނީ ކަނޑައަޅާފައެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑުގެ ބައްދަލުވުންތައް ބޭއްވުމުގެ އުސޫލުތައް ކަނޑައެޅުމުގެ އިތުރުން، ބޯޑު މެންބަރުންގެ ޝަރުޠުތަކާއި މަޤާމުގެ މުއްދަތަށްވެސް ޤާނޫނީ އިޞްލާޙުގެ ތެރެއިން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.