މޫސުމީ ކަންކަމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށް ޒުވާނުން އިސްނަގައިގެން ބާއްވާ ޤައުމީ ކޮންފަރެންސް، ލޯކަލް ކޮންފަރެންސް އޮފް ޔޫތު (އެލްސީއޯވައި މޯލްޑިވްސް) ހދ. ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މިކަން ހާމަކޮށް ކުޅުދުއްފުށީ ސިޓި ކައުންސިލުން ބުނީމި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 20 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 14:30 އިން 17:00 އަށް ކަމަށެވެ.
އެހެންވެ، މި ކޮންފަރެންސްގައި ބައިވެރިވުމަށް ޝަައުޤުވެރިވާ ފަރާތްތަކުން އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު އެ ކައުންސިލުން މިހާރު ވަނީ ހުޅުވާލާފައެވެ.
މި ކޮންފެރެންސްގެ މައިގަނޑު އަމާޒަކީ، މާލެއިން ބޭރުގައި ޒުވާނުން އިސްނަގައިގެން މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، ޒުވާނުންގެ މެދުގައި ޚިޔާލު ބަދަލު ކުރުމެވެ. މީގެ އިތުރުން ރަށު ފެންވަރުގައި މޫސުމީ ކަންކަމާ ގުޅޭގޮތުން، އިސްކަންދޭ ކަންކަން ދެނެގަތުމާއި، ރާއްޖޭގެ " ނޭޝަނަލް ޔޫތު ސްޓޭޓްމަންޓް އޮފް ކްލައިމެޓް ޗޭންޖް " އެކުލަވާލުމުގައި ޒުވާނުންގެ ޚިޔާލު ހޯދުމަކީ މި ހަރަކާތަށް މުހިއްމުކަމެއްކަމުގައި ސިޓީ ކައުންސިލުން ބުނެފަވެއެވެ.
އެލް.ސީ.އޯ.ވައި މޯލްޑިވްސް (ލޯކަލް ކޮންފަރެންސް އޮފް ޔޫތު މޯލްޑިވްސް) އަކީ މޫސުމީ ޙަރަކާތްތަކުގައްޔާއި ސިޔާސަތުތައް އެކަށައެޅުމުގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ބާރުވެރިކުރުވުމަށް ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ ޤައުމީ ކޮންފަރެންސެކެވެ. އދ. ގެ ރަސްމީ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް) ތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދާ މި އިސްނެގުމުގެ ދަށުން، ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދިވެހި ޒުވާނުންގެ ޤައުމީ ބަޔާން އެކުލަވައިލުމަށްޓަކައި، ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން 2026 ވަނަ އަހަރުގެ މަޝްވަރާ މަސައްކަތު ބައްދަލުވުންތައް ވަނީ ދާދިފަހުން ނ. މާފަރުގައި އާއި މާލެ ސިޓީގައި ބާއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!