ސައުދީ ކިންގްސް ކަޕްގެ ގަދަ 32 ގެ ބުރުގައި ދިރިއްޔާއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ނަސްރު މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.

އާ ސީޒަނުގައި އަލް ނަސްރުން ދައްކަމުން އަންނަ މޮޅު ކުޅުމާއެކު އައު ކޯޗު އާންޖް ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން އެ ޓީމުން އަންނަނީ ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދެމުންނެވެ.

Ad
rt

އަލް-އައްވަލް ޕާކުގައި އަންގާރަ ދުވަހު ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި އޮސްކާ ރޮޑްރިގޭޒް ވަނީ ލަނޑެއް ޖަހައި ދިރިއްޔާއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް، މެޗުގެ 11 ވަނަ މިނެޓުގައި މުހައްމަދު ސިމަކާން ވަނީ ޖޯއާއޯ ފީލިކްސް ދިން ބޯޅައަކުން އަލް ނަސްރަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ފަހުން މެޗުގެ 35 ވަނަ މިނެޓުގައި އެންޖެލޯ ތަނަވަސްކޮށްދިން ފުރުސަތަކުން ފީލިކްސް ލަނޑު ޖެހިއިރު، އޭގެ ދެ މިނެޓު ފަހުން ސަދިއޯ މާނޭ ދިން ބޯޅައަކުން އަބްދުﷲ އަލް ހަމްދާން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަލް ނަސްރުގެ ހަތަރުވަނަ ލަނޑު 68 ވަނަ މިނެޓުގައި ޖަހައިދިނީ ފީލިކްސްއެވެ.

މުބާރާތުގެ އެހެން މެޗުތަކަށް ބަލާއިރު، އަލް އިއްތިހާދުން ވަނީ އަލް ނަޖްމާގެ މައްޗަށް 3-0 އިން ކުރިހޯދައި ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި މެޗުގައި ޖޯޖް އިލެނިކޭނާ ދެ ލަނޑު ޖެހިއިރު އަނެއް ލަނޑު ކާމިޔާބުކުރީ ޑެނީލޯ ޕެރެއިރާއެވެ. އަދި އަލް އުޚްދޫދުން ވަނީ އަލް ޚަލީޖް 2-0 އިން ބަލިކޮށް، ކްލަބުގެ ތާރީޚުގައި ދެވަނަ ފަހަރަށް ގަދަ 16 އަށް ދަތުރުކޮށްފައެވެ. މީގެ އިތުރުން ނިއޯމް އިން ވަނީ ސައީދު ބެންރަހްމާ އަދި އެލެކްސެންޑަ ލަކަޒޭޓްގެ ލަނޑުތަކާއެކު އަލް ފައިސަލީ 3-1 އިން ބަލިކޮށްފައެވެ.

މި ބުރުގައި ބޮޑު ސިހުމެއް ލިބުނީ އަލް އިއްތިފާގަށެވެ. ފުރަތަމަ ޑިވިޝަނުގެ އަލް ޖަބަލައިން އަތުން 1-0 އިން ބަލިވެ އަލް އިއްތިފާގު ވަނީ މުބާރާތުން ކަޓާފައެވެ. މިއީ ވިދިވިދިގެން ތިންވަނަ އަހަރު ދަށް ޑިވިޝަނެއްގެ ޓީމެއް އަތުން އެ ޓީމު ކެޓި ފަހަރެވެ. ކިންގްސް ކަޕްގެ ގަދަ 32 ގެ ފަހު މެޗުތައް ބުދަ ދުވަހު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.