އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"ގެ ހދ.އަތޮޅު ބުރުގައި ގްރޫޕް ''ބީ''ގެ ސެމީފައިނަލްގެ ޖާގަތައް ނައިވާދޫ އަށާއި ނޭކުރެންދޫ އަށް ކަށަވަރުވެއްޖެއެވެ.
މި ގްރޫޕްގެ ސެމީގެ ޖާގަތައް ކަށަވަރުވީ މިރޭ ނައިވާދޫ އާއި ކުރިނބީގެ ކުރިމަތިލުމުގައި 4-1 އިން ނައިވާދޫ މޮޅުވި މެޗަށް ފަހުއެވެ.
މި ނަތީޖާއާއެކު ނައިވާދޫ ސެމީއަށް ދަތުރުކުރީ ކުޅުނު ދެމެޗުން ވެސް މޮޅުވެގެން ހަ ޕޮއިންޓާއެކުގައެވެ. ދެ މެޗުން ވެސް ބަލިވުމުން ކުރިނބީ އަށް މުބާރާތް ނިމުނުއިރު، ކުރިނބީ މެޗުން ހޯދާފައިވާ ތިން ޕޮއިންޓާއެކު ނޭކުރެންދޫ އަށް ވަނީ ސެމީގެ ދެވަނަ ޖާގަ ކަށަވަރުވެފައެވެ.
މި މުބާރާތުގެ ހދ. އަތޮޅު ބުރުގެ ސެމީގެ މެޗުތައް އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހު ހަވީރު 16:45 ގައި ފަށާ ސެމީގެ ފުރަތަމެޗުގައި ހަނިމާދޫ އާއި ބައްދަލުކުރާނީ ނޭކުރެންދޫއެވެ. އެރޭ 20:30 ގައި ކުޅޭ ސެމީގެ ދެވަނަ މެޗުގައި އޮންނާނީ ނައިވާދޫ އާއި ނޮޅިވަރަންފަރުގެ ކުރިމަތިލުމެކެވެ.
މި ބުރުގެ ފައިނަލް އޮންނާނީ މިމަހުގެ 23 ގައެވެ.
ރާއްޖޭގެ ފުޓްބޯޅަ އޮނިގަނޑު މިހާރު ތަރުތީބުކުރެވިފައިވާ އުސޫލުން، ހަތަރު ރީޖަނަކަށް ބަހާލައިގެން އެފްއޭއެމް އިން ބާއްވާ މި މުބާރާތް ވެސް ވަނީ ހަތަރު ރީޖަނަންއަކަށް ބަހާލާފައެވެ. އެއީ އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ވެސް ކުރިއަށް ގެންދިޔަ ގޮތަށެވެ. އެ ރީޖަންތަކަކީ:
- ނޯތު ރީޖަން: ހއ، ހދ، ށ، ނ، ރ، ބ، ޅ އަދި ކުޅުދުއްފުށި ސިޓީ.
- ސެންޓްރަލް ރީޖަން: ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅު.
- ސައުތު ރީޖަން: ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ.
- މާލެ ރީޖަން: މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ކްލަބްތައް (ފުރަތަމަ، ދެވަނަ އަދި ތިންވަނަ ޑިވިޝަން).
ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމު އެފްއޭއެމްގެ ފުޓްސަލް ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ. އަދި، ކޮންމެ ރީޖަނެއްގެ ޗެމްޕިއަަންގެ މެދުގައި މުބާރާތެއް ކުޅުމަށް ފަހު ރާއްޖޭގެ ޗެމްޕިއަން ޓީމު ކަނޑައެޅޭނެ އެވެ. އަދި، ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާ ހަތަރު ޓީމު، 2027 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ކުޅޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!