ސްޓްރެއިޓް އޮފް ހޮރްމޫޒް ނުވަތަ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ހަރަކާތްތައް ތަރުތީބުކުރުމާ ގުޅޭގޮތުން އީރާނާއި އޮމާނުން މުހިންމު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މަސްކަޓުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ހަފްތާތަކެއް ވަންދެން ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު، ދެ ގައުމުން ވަނީ ވިޔަފާރި އުޅަނދުފަހަރު ދަތުރުކުރާނެ މަގުތަކާއި ޖިއޮގްރަފީ ގޮތުން ކަނޑައެޅޭ ބައެއް ބަދަލުތަކަށް އެއްބަސްވެފައެވެ. މި ވަގުތީ އިންތިޒާމުގެ ދަށުން، ޕާޝިއަން ގަލްފަށް ވަންނަ އުޅަނދުފަހަރު ދަތުރުކުރާނީ އީރާނާ ކައިރި ސަރަހައްދުންނެވެ. އަދި ގަލްފުން ބޭރަށް ނުކުންނަ އުޅަނދުފަހަރު ދަތުރުކުރާނީ އޮމާނާ ކައިރި ސަރަހައްދުންނެވެ.

Ad
rt

މި އެއްބަސްވުމާ ގުޅޭގޮތުން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، މިއީ ހަމައެކަނި ދެ ގައުމުގެ ދެމެދުގައި ވީ އެއްބަސްވުމެއް ކަމަށާއި، މީގެ ސަބަބުން އެކަނި ކަނޑުއޮޅި ފުރިހަމައަށް ހުޅުވި ނުވަތަ ސަލާމަތީ ކަންކަން މުޅިން ކަށަވަރު ނުވާނެ ކަމަށެވެ.

އީރާނުން ގަބޫލުކުރާ ގޮތުގައި ކަނޑުގެ ދަތުރުފަތުރު ފުރިހަމައަށް އިއާދަވާނީ އެމެރިކާއިން އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނައްތާލައި، ދަތުރުފަތުރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރުމުންނެވެ.

އޮމާނުން ދަނީ މި ފަންނީ އެއްބަސްވުންތައް މެދުވެރިކޮށް، ސަރަހައްދީ މަސްލަހަތު ގާއިމުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ މައިގަނޑު މަގްސަދަކީ އަސްކަރީ ނުތަނަވަސްކަން ކުޑަކުރުމާއި، ޕާޝިއަން ގަލްފުގައި އުފެދިފައިވާ ކަނޑުގެ ދަތުރުފަތުރުގެ މައްސަލަތަކަށް ޚާރިޖީ ހައްލެއް ހޯދުމެވެ.