ވޯލްޑް ކަޕްގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަހެޅުއްވި ޕްލޭނާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، މަގާމުގެ ނުރައްކާ ބޮޑުވެފައިވަނިކޮށް، އަރަބި ހަ ގައުމެއްގެ ފުޓްބޯޅަ ފެޑަރޭޝަނުން އޭނާއަށް "ފުރިހަމަ ތާއީދު" އާއި "އިތުބާރު" އޮތްކަމަށް ބުނެފިއެވެ.

އިންފަންޓީނޯއަށް ތާއީދުކޮށް ބަޔާން ނެރެފައިވަނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޯ-ހޯސްޓް ކުރާ މޮރޮކޯގެ އިތުރުން ގަތަރު، މިސްރު، މޮރިޓޭނިއާ، ލުބްނާން އަދި ސޫދާނުގެ ފުޓްބޯޅަ އިދާރާތަކުންނެވެ. މި ގައުމުތަކުގެ ތެރެއިން ހަތަރު ގައުމެއްގެ ފުޓްބޯޅަ އިދާރާގެ ވެރިންނަކީ ފީފާ ކައުންސިލްގެވެސް މެންބަރުންނެވެ.

Ad
rt

"އަދި އަހަރެމެން، ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ވެރިން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަކުރަން. އަދި ދުނިޔޭގައި ފުޓްބޯޅަ ކުރިއެރުވުމަށް އޭނާ ކުރައްވާ މަސައްކަތްޕުޅަށާއި އޭނާގެ ލީޑަރޝިޕަށް އަހަރެމެންގެ އިތުބާރު އޮތްކަން ތަކުރާރުކޮށް ކަށަވަރުކޮށްދެން،" އެ ގައުމުތަކުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފަވެއެވެ.

މި ތާއީދު އިންފަންޓީނޯއަށް ލިބިވަޑައިގެންފައި މިވަނީ، ވޯލްޑް ކަޕްގެ ހިއްސާ 20 ބިލިއަން ޑޮލަރަށް ޕްރައިވެޓް އީކުއިޓީ އިންވެސްޓަރުންނަށް ވިއްކާލުމަށް އޭނާ ހުށަހެޅުއްވި ޕްލޭނާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ އިދާރާތަކުން، ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ) އިން ބޮޑެތި ނުރުހުންތަކެއް ފާޅުކުރުމާ ގުޅިގެން އެ ހުށަހެޅުން އަނބުރާ ނަންގަވާފައިވަނިކޮށެވެ. ޔޫއެފާއިން ވަނީ ފީފާގެ އެއްވެސް މެޗެއް ނުވަތަ ހަރަކާތެއް ބޮއިކޮޓްކޮށްފާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

ޔޫއެފާއިން ވަނީ އުތުރު، މެދު އެމެރިކާ އަދި ކެރީބިއަންގެ ފުޓްބޯޅަ ކޮންފެޑަރޭޝަން (ކޮންކާކަފް) އަދި އޭޝިއާގެ ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) އާ ގުޅިގެން އާންމު ސިޓީއެއް ނެރެފައެވެ. އެ ސިޓީގައި އިންފަންޓީނޯގެ މި ޕްލޭނަކީ އިތުބާރު ކުޑަ ކަންތައްތަކެއްގެ ގޮތުގައި ސިފަކޮށް، މިއީ "އޮޅުވާލުމެއް" ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން، އަޔަރލޭންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނުންވެސް ވަނީ ކުރިއަށްއޮތް މާޗް މަހު އޮންނަ ފީފާގެ ރައީސްކަމުގެ އިންތިޚާބުގައި އިންފަންޓީނޯއަށް ކުރިން ދިނުމަށް ނިންމި ތާއީދު އަނބުރާ ނަގާފައެވެ. އެ އިދާރާއިން ބުނީ ފަހަކަށް އައިސް ހިންގުމާއި، ހަރުދަނާކަން ކުޑަވުމާއި އަދި މަޝްވަރާކުރުމެއްނެތް ކަންކަން ހިނގަމުންދާތީ ކަންބޮޑުވާ ކަމަށެވެ. އިނގިރޭސިވިލާތާއި ވޭލްސްގެ ފުޓްބޯޅަ އިދާރާތަކުންވެސް ވަނީ އިންފަންޓީނޯއަށް އޮތް ތާއީދު އަނބުރާ ނަގާފައެވެ.