ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، "އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"ގެ ހދ.އަތޮޅުގެ ފުރަތަމަ މެޗު ނޮޅިވަރަންފަރު ކާމިޔާބުކޮށްފިއެވެ.
ނޮޅިވަރަންފަރު މި މުހިންމު މޮޅު ހޯދީ 1-0ގެ ނަތީޖާއަކުން ހަނިމާދޫ ބަލިކޮށްގެންނެވެ.
ހަމަހަމަ ކުޅުމެއް ފެނުނު މިމެޗުގައި ނޮޅިވަރަންފަރުގެ ލަނޑު ފެނުނީ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށެވެ. އެއީ ނޮޅިވަރަންފަރުގެ ޖޯޒީ ނަންބަރު 10 މުހައްމަދު ސާމިހް ފަތުހުﷲ ޖަހައިދިން ލަނޑެކެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބުނީ އޭނާ އަށެވެ.
މި މުބާރާތުގެ ހދ. އަތޮޅުގެ މެޗުތައް ހޯސްޓްކުރާ ރަށަކީ ނޮޅިވަރަންފަރެވެ.
މި މުބާރާތުގެ ހދ. އަތޮޅު ބުރުގެ ދެވަނަ މެޗުގައި ކުޅުނީ ނައިވާދޫ އާއި ނޭކުރެންދޫއެވެ.
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"ގެ ހދ.އަތޮޅުގެ މެޗުތައް
- ނޮޅިވަރަންފަރު - ހަނިމާދޫ، 13 އޯގަސްޓް
- ނައިވާދޫ - ނޭކުރެންދޫ، 13 އޯގަސްޓް
- ނޮޅިވަރަންފަރު - ކުމުންދޫ، 15 އޯގަސްޓް
- ނޭކުރެންދޫ - ކުރިނބީ، 15 އޯގަސްޓް
- ހަނިމާދޫ - ކުމުންދޫ، 17 އޯގަސްޓް
- ނައިވާދޫ - ކުރިނބި، 17 އޯގަސްޓް
- ސެމީ ފައިނަލް މެޗުތައް، 20 އޯގަސްޓް
- ފައިނަލް މެޗު، 23 އޯގަސްޓް
ރާއްޖޭގެ ފުޓްބޯޅަ އޮނިގަނޑު މިހާރު ތަރުތީބުކުރެވިފައިވާ އުސޫލުން، ހަތަރު ރީޖަނަކަށް ބަހާލައިގެން އެފްއޭއެމް އިން ބާއްވާ މި މުބާރާތް ވެސް ވަނީ ހަތަރު ރީޖަނަންއަކަށް ބަހާލާފައެވެ. އެއީ އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ވެސް ކުރިއަށް ގެންދިޔަ ގޮތަށެވެ. އެ ރީޖަންތަކަކީ:
- ނޯތު ރީޖަން: ހއ، ހދ، ށ، ނ، ރ، ބ، ޅ އަދި ކުޅުދުއްފުށި ސިޓީ.
- ސެންޓްރަލް ރީޖަން: ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅު.
- ސައުތު ރީޖަން: ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ.
- މާލެ ރީޖަން: މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ކްލަބްތައް (ފުރަތަމަ، ދެވަނަ އަދި ތިންވަނަ ޑިވިޝަން).
ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމު އެފްއޭއެމްގެ ފުޓްސަލް ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ. އަދި، ކޮންމެ ރީޖަނެއްގެ ޗެމްޕިއަަންގެ މެދުގައި މުބާރާތެއް ކުޅުމަށް ފަހު ރާއްޖޭގެ ޗެމްޕިއަން ޓީމު ކަނޑައެޅޭނެ އެވެ. އަދި، ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާ ހަތަރު ޓީމު، 2027 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ކުޅޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!