ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ހިންގަމުންދާ ސަރުކާރުގެ ސްކޫލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެމުން އަންނަ "ސްކޫލް ގްރާންޓް" ގެ މިއަހަރުގެ ގްރާންޓް އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުނީ އެ ސިޓީގެ ސަރުކާރު 3 ސްކޫލަކަށް 2026 ވަނަ އަހަރު ދިނުމަށް އެ ކައުންސިލުން ކަނޑައަޅާފައިވާ ގްރާންޓް ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
މި ގްރާންޓަށް ހުޅުވާލި ފުރުސަތުގައި ސްކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައި ހިމެނޭ ކަންކަން ހާސިލްކުރުމަށްޓަކައި، ކޮންމެ ސްކޫލަކަށް 100,000 ރުފިޔާ ދޫކުރާނެކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ހިންގަމުންދާ ސަރުކާރުގެ ސްކޫލްތަކަށް ދޭ ގްރާންޓް އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ސިޓީ ކައުންސިލް
ސިޓީ ކައުންސިލުން ކުރިން ބުނެފައިވާގޮތުގައި ސްކޫލް ގްރާންޓް ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސްކޫލްތަކުގެ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުންއަންނަ ހަރަކާތްތަކަށް އެހީތެރިވުމެވެ.
މީގެ އިތުރުން، ސްކޫލްތަކުގެ ޕީ.ޓީ.އޭ އިން ސްކޫލްގެ ތަރައްޤީއަށް ފަންޑް ހޯދުމަށް ކުރަމުންއަންނަ މަސައްކަތްތައް ފާހަގަކޮށް، އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް މި ގްރާންޓްގެ މަޤްޞަދެކެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ހިންގަމުންދާ ސަރުކާރުގެ ސްކޫލްތަކަށް ދޭ ގްރާންޓް އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ސިޓީ ކައުންސިލް
މި ގްރާންޓް ޕްރޮގްރާމަކީ ވޭތުވެދިޔަ އަހަރުތަކުގައިވެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. އެގޮތުން 2024 އަހަރާއި 2025 ވަނަ އަހަރުވެސް ކޮންމެ ސްކޫލަކަށް 100,000 ރުފިޔާ ދޫކޮށްފައިވާއިރު، 2022 ވަނަ އަހަރު ކޮންމެ ސްކޫލަކަށް 50,000 ރުފިޔާ ދޫކޮށްފައިވާކަން ކައުންސިލުން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!