އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންއަށް ޖެހިވަޑައިގެންފައިވާ ޕްރޮސްޓޭޓް ކެންސަރު މިހާރު ކަށިތަކަށް ފެތުރި، އެމަނިކުފާނު ވަރަށް ބޮޑު ތަދެއް ތަހައްމަލު ކުރައްވަމުން ގެންދަވާ ކަމަށް ދަރިފުޅު ހަންޓާ ބައިޑަން ބުނެފިއެވެ.

ބީބީސީގެ "ނިއުސްނައިޓް" ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގައި ހަންޓާ ބުނީ ބައްޕަގެ ކެންސަރު ބަލި ހަށިގަނޑުގެ އެކި ބައިތަކަށް ފެތުރިފައިވާ ކަމަށެވެ.

Ad
rt

"ކެންސަރު ވަނީ ފެތުރި، ކަށިތަކަށާއި އެއަށްވުރެ ބޭރަށްވެސް ވަނީ ފެތުރިފައި." ހަންޓާ ބައިޑަން ބުނެފަވެއެވެ.

އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި މި ބަލީގެ ސަބަބުން ބައިޑަންއަށް ވަރަށް ބޮޑަށް ތަދުވާ ކަމަށާއި، އުޅުއްވަނީ ވަރަށް ވޭނުގައެވެ. އަދި މިއީ ވަރަށް ބޮޑަށް ވަރުބަލިކޮށްލާ ކަމެއް ކަމަށް ބުނެފަވެއެވެ.

މި އިންޓަވިއުއާ ގުޅިގެން 83 އަހަރުގެ ޑިމޮކްރެޓިކް ލީޑަރުގެ ތަރުޖަމާނު މިދިޔަ ހޮނިހިރު ދުވަހު އެއްވެސް އެއްޗެއް ބުނަން އިންކާރުކޮށްފައެވެ.

ބައިޑަންއަށް ކެންސަރު ޖެހިފައިވާކަން އެމަނިކުފާނު ހާމަކުރެއްވީ 2025 ވަނަ އަހަރުގެ މެއި މަހު، ވައިޓް ހައުސްއިން ވަކިވެވަޑައިގަތްތާ ހަތަރު މަސް ނުވަނީހެވެ. އެ ދުވަސްވަރު އެމަނިކުފާނު ވިދާޅުވީ ޖެހިފައިވަނީ ޕްރޮސްޓޭޓް ކެންސަރުގެ ނުރައްކާތެރި ބާވަތެއް ކަމަށާއި، އެ ބަލި ކަށިތަކަށް ފެތުރިފައިވާ ކަމަށެވެ. މިދިޔަ އޮކްޓޯބަރު މަހު ތަރުޖަމާނު ވިދާޅުވި ގޮތުގައި ބައިޑަން ގެންދެވީ ރޭޑިއޭޝަން އަދި ހޯމޯން ތެރަޕީ ފަރުވާ ހޯއްދަވަމުންނެވެ.

2020 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވިއިރު ބައިޑަންއަކީ އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވި އެންމެ ދުވަސްވީ ބޭފުޅާއެވެ. 2021 އިން 2025 އަށް ކުރެއްވި ރިޔާސީ ދައުރުގައި އެމަނިކުފާނުގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ހޭލުންތެރިކަމާ މެދު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވެއެވެ. ބައިޑަން އެންމެ ފަހުން އާންމުންގެ ތެރެއިން ފެނިފައިވަނީ ޖޫން މަހު ޗިކާގޯގައި ބޭއްވި ބަރަކް އޮބާމާގެ ރިޔާސީ ލައިބްރަރީ ހުޅުވުމުގެ ރަސްމިއްޔާތުންނެވެ.

ޖޯ ބައިޑަން ވަނީ 2009 އިން 2017 އަށް އޮބާމާގެ ނައިބު ރައީސްކަން ކުރައްވާފައެވެ. އެމަނިކުފާނުގެ ހަޔާތުގެ މައްޗަށް ލިޔުއްވާފައިވާ ރިޔާސީ ހަނދާންތައް ނުވަތަ މެމުއާ ނޮވެމްބަރު 17 ގައި ނެރުމަށް ވަނީ ތާވަލުކޮށްފައެވެ.