ދެކުނު ކޮރެއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހޮންގް މިޔުންގް-ބޯ އައްޔަންކުރުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގަށް، އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން (ކޭއެފްއޭ) ގެ އޮފީސްތައް ފުލުހުން ބުރާސްފަތި ދުވަހު ރެއިޑްކޮށްފިއެވެ.

ފުލުހުން ވަނީ ސޯލްއާ ގާތްގަނޑަކަށް 90 ކިލޯމީޓަރު ދުރުގައި އޮންނަ ޗިއޮނަންގައި ހުންނަ ކޭއެފްއޭގެ ހެޑްކުއާޓަރާއި، ސޯލްގެ މެދުތެރޭގައި ހުންނަ ކޭއެފްއޭ ހައުސް ބަލައި ފާސްކޮށްފައެވެ. މި ރެއިޑްގެ ބޭނުމަކީ ކޯޗު ހޮވުމުގެ މަރުހަލާގައި އޮފިޝަލުން ނުފޫޒު ފޯރުވާފައިވާ ކަމަށް ބެލެވޭ ހެކި ހޯދުމެވެ.

Ad
rt

މި މައްސަލައިގެ ތަހުގީގު ފެށުނީ ހޮންގް އައްޔަންކުރިތާ މާގިނަ ދުވަހެއް ނުވަނީސް ނަމަވެސް، ދެ އަހަރެއްހާ ދުވަސް ވަންދެން މައްސަލަ އޮތީ ހުއްޓިފައެވެ. ނަމަވެސް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ދެކުނު ކޮރެއާ ކެޓުމާ ގުޅިގެން އާންމުންގެ މެދުގައި އުފެދުނު ނުރުހުމާއެކު މި މައްސަލަ އަލުން ވަނީ ހޫނުވެފައެވެ.

ކޭއެފްއޭގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު ލީ އިން-ސޭންގް، ހޮންގްއަށް މި ވަޒީފާ ހުށަހެޅީ އޭނާގެ ގޭގެ ކައިރީގައި ހުރި ބޭކަރީއެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ދެކުނު ކޮރެއާގެ ސްޕޯޓްސް މިނިސްޓްރީން 2024 ވަނަ އަހަރު ބުނެފައިވަނީ، އެ ބައްދަލުވުމަކީ ރަސްމީ އިންޓަވިއުއެއް ނޫން ކަމަށާއި، ކޭއެފްއޭއިން ވަނީ އަމިއްލަ ގަވާއިދުތަކާ ހިލާފުވެފައި ކަމަށެވެ. ނަމަވެސް ގާނޫނާ ހިލާފު އެއްވެސް ކަމެއް ހިނގާފައިވާ ކަމުގެ ހެއްކެއް މިނިސްޓްރީއަށް ފެނިފައެއް ނުވެއެވެ.

މިދިޔަ ޖުލައި މަހު ގައުމީ މަޖިލީހުގައި ބޭއްވި އަޑުއެހުމެއްގައި ހޮންގް ބުނެފައިވަނީ، "އަހަންނަށް މި ހުށަހެޅުން ލިބުނުއިރު ހީކުރީ ހުރިހާ ކަމެއް ދިޔައީ ރަނގަޅު މަރުހަލާތަކުގެ ތެރެއިން ކަމަށް،" ކަމަށެވެ. އަދި އޭނާ ދުވަހަކުވެސް ހާއްސަ އިނާޔަތަކަށް އެދިފައި ނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފުލުހުން ވަނީ އަންގާރަ ދުވަހު ހޮންގްއާ ސުވާލުކޮށްފައެވެ.

ހޮންގް މިޔުންގް-ބޯ އަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދެކުނު ކޮރެއާ ދަތުރުކުރިއިރު އެ ޓީމުގެ ކެޕްޓަނެވެ. މީގެ އިތުރުން އޭނާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް އެ ގައުމުގެ ކޯޗުކަން ކޮށްފައެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ދެކުނު ކޮރެއާ ކެޓުމާ ގުޅިގެން، އެ ގައުމުގެ ރައީސްގެ ހަރުކަށި ފާޑުކިޔުންތަކެއް އަމާޒު، ސަޕޯޓަރުންގެ ނުރުހުން އަމާޒުވެފައި ވަނިކޮށް ގައުމީ ޓީމުގެ ކޯޗު ހޮންގް މިއުންގް-ބޯ ވަނީ 28 ޖޫން 2026 ގައި މަގާމުން އިސްތިއުފާދީފައެވެ. އަދި ކުރިމަތިވި ފިއްތުންތަކާ މަރުގެ އިންޒާރާއެކު އޭނާ ވަނީ ގައުމުދޫކޮށް ފުރާފައެވެ.