ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާ، ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން ޖޫން 2032 ގެ ނިޔަލަށް އާކުރުމަށް ނިންމައިފި ކަމަށް އެ ކްލަބުން ބުރާސްފަތި ދުވަހު އިއުލާންކޮށްފިއެވެ.

އުމުރުން 26 އަހަރުގެ ވިންގާގެ ކޮންޓްރެކްޓްގެ ފަހު އަހަރަށް ވަދެފައިވަނިކޮށް، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން އާސެނަލްއިން އޭނާ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، އާ އެއްބަސްވުމާއެކު އޭނާ އިތުރު ހަ އަހަރު ބާންބިއުގައު މަޑުކުރާނެއެވެ.

Ad
rt

އުމުރުން 18 އަހަރުގައި ރެއާލް މެޑްރިޑާ ގުޅުނު ފަހުން ވިނީޝިއަސް ވަނީ އެ ކްލަބަށް ކުޅުނު 375 މެޗުގައި 128 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ އެ ކްލަބާއެކު 14 ތަށި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ތިން ފަހަރު ލަލީގާ އަދި ދެ ފަހަރު ޗެމްޕިއަންސް ލީގު ހިމެނެއެވެ. "ވިނީޝިއަސް ޖޫނިއާ އަކީ އަހަރެމެންގެ ތާރީޚުގެ އެންމެ ކާމިޔާބު ދުވަސްވަރުގައި ހިމެނޭ އެންމެ މުހިންމު އެއް ކުޅުންތެރިޔާ،" ކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެއްބަސްވުން އާކުރުމަށްފަހު ވިނީޝިއަސް އިންސްޓަގްރާމްގައި ލިޔެފައިވަނީ، "ބާންބިއުގައި ހޭދަކުރި އަށް އަހަރަކީ މާ މަދު މިންވަރެއް... އިތުރު ހަ އަހަރު، އަދި އަބަދަށް!" މިފަދައިންނެވެ. މި އެއްބަސްވުމުގެ މާލީ ތަފްސީލެއް ކްލަބުން ހާމަކޮށްފައެއް ނުވެއެވެ.

ލޮސް ބްލާންކޯސްއިން 2026-27 ވަނަ ސީޒަނާ ކުރިމަތިލަނީ އާ ކޯޗު ހޯސޭ މޮރީނިއޯއާ އެކުގައެވެ. މިއީ މޮރީނިއޯ އެ ކްލަބަށް ކޯޗުކޮށްދޭ ދެވަނަ ފަހަރެވެ. ސުޕަސްޓާ ކީލިއަން އެމްބާޕޭ ޓީމުގައި ހުރި ނަމަވެސް، ފާއިތުވި ދެ އަހަރު ރެއާލް މެޑްރިޑަށް ބޮޑު މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިދިޔަ ސީޒަނުގައި އެ ޓީމުން ވަނީ ޒަބީ އެލޮންސޯ އަދި އަލްވާރޯ އަރްބެލޯއާ އެކު ދެ ކޯޗުން ބަދަލުކޮށްފައެވެ.

މީގެ އިތުރުން، ރެއާލް މެޑްރިޑުން ވަނީ ލައިޕްޒިގަށް ކުޅޭ އައިވަރީ ކޯސްޓުގެ ޒުވާން ފޯވާޑް ޔާން ދިއޮމާންޑޭ ހޯދުމަށް އެއްބަސްވުމަކަށް އައިސްފައެވެ. 19 އަހަރުގެ މި ކުޅުންތެރިޔާ އެ ކްލަބާ ގުޅުނީ ހަތް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.