ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ބައިވެރިވާ ކުޅުދުއްފުށީ ސިޓީގެ ފަރާތްތަކަށް ދެކޮޅު ޓިކެޓް ހަމަޖައްސައިދިނުމާއެކު، ކޮންމެ ބައިވެރިއަކަށް 5000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ 05 އޮގަސްޓް 2026 ގައި ބޭއްވުނު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ 12 ވަނަ އާންމު ބައްދަލުވުމުގައެވެ.
މި ނިންމުމަކީ މައުރަޒުގައި ބައިވެރިވާ ކުޅުދުއްފުށީ ސިޓީގެ އުފެއްދުންތެރިންނަށް ހިތްވަރުދީ، އެފަރާތްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ނިންމި ނިންމުމެކެވެ.
ސިޓީ ކައުންސިލުން މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ރެޖިސްޓަރީވެފައިވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި، ޖުމްލަ 84,280 ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ދިވެހި އުފެއްދުންތެރިކަން ދައްކާލުމަށް ބާއްވާ ގައުމީ ފެންވަރުގެ މައުރަޒެކެވެ.
މި މައުރަޒުގެ ވާދަކުރުމުގެ ބައިގައި ރަށްތަކާއި ސިޓީތަކުން ބައިވެރިވުމަށް ނަންނޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ 2026 އޮގަސްޓް 13 ވަނަ ދުވަހުގެ 14:00 އާ ހަމައަށް އިތުރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!