ދިވެހިރާއްޖޭގައި ތަކެތީގެ އަގު ބޮޑުވެ، ޑޮލަރުގެ އަގު އުފުލުނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން 8 ބިލިއަން ރުފިޔާ ޗާޕްކުރުމުގެ ސަބަބުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިހެން ވިދާޅުވީ އއ. އުކުޅަހުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝުޖާޢު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމުގެ މާލީ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށާއި، ގައުމު ހިންގައިގަންނަން އެކަނިވެސް 300 މިލިއަނެއްހާ ޑޮލަރު ބޭނުންވެފައި އޮތް ކަމަށެވެ. އަދި ކުރީ ސަރުކާރުން 8 ބިލިއަން ރުފިޔާ ޗާޕްކޮށް މާކެޓަށް ނެރުމުގެ ސަބަބުން ޑޮލަރުގެ އަގު އުފުލި، އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
''އަޅުގަނޑުމެންނަށް އެނގޭ މި ގައުމާއި ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންއިރު މި ގައުމުގެ ހާލަތު، މިގައުމުގައި ލާރިތަކެއްނެތް، އަޅުގަނޑުމެންނަށް މާލީ ހިސާބުތައް ފެނުނީމަ އެނގުނީ މި ގައުމު ހިންގައިގަންނަން އެކަނިވެސް 300 މިލިއަނެއްހާ ޑޮލަރު ބޭނުންވާކަން،'' ޝުޖާޢު ވިދާޅުވެފަވެއެވެ.
އޭނާ ވިދާޅުވީ ގައުމު އެހާލަތުގައި އޮތްއިރު، މިއަދު އެމްޑީޕީން ހުރިހާކަމެއް ''އަޅުވަނީ ޕީއެންސީގެ ބޮލުގައި'' ކަމަށާއި، ނަމަވެސް މިއަދު މި ނަތީޖާ އާއި ކުރިމަތިލާންޖެހުނީ އެމްޑީޕީގެ ސަރުކާރުން 8 ބިލިއަން ރުފިޔާ ޗާޕުކޮށް މާކެޓަށްނެރެ ހެދި ގޯހުގެ ސަބަބުންކަމަށެވެ. އެކަމުގެ ސަބަބުން ޑޮލަރުގެ އަގު 21 ރުފިޔާއަށް އުފުލި ތަކެތީގެ އަގުމައްޗަށް ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މި ހާލަތުން ގައުމު އަރައިގަތުމަށްކަމަށާއި، އަދި މިހާތަނަށް ކުރީ ވެސް އެ މަސައްކަތް ކަމަށެވެ.
''އެހާ ދަތި އުނދަގޫ ހާލަތެއްގައި އޮތް ގައުމެއްގައި މިއަދު ހުރިހާކަމެއް އަޅުގަނޑުމެންގެ ބޮލަށް، ވަރަށް ތާހިރެއްނު، އަދި މި ބޭފުޅުން ހިންގަވާ ފޯރަމްތަކުގައި ދޯ މި ޖައްސަވަނީ އަމީރަށް، ދޮއްތޯ އަމީރު، އަމީރޭ މިކަން ގޯސްކުރީ، 8 ބިލިއަން ރުފިޔާ ޗާޕްކޮށްފައި މާކެޓަށް ނެރެލާފައި ޑޮލަރެއްގެ ފަހަތުން 21 ރުފިޔާ ދުވަންފެށީމަ މި ވިދާޅުވަނީ ކަލޭމެން ކުރި ކަމަކުންނޭ މިއުޅެނީ މި ގައުމު ހަލާކުވެގެން، އަޅުގަނޑުމެން ކޮންކަމެއްތޯކުރީ ގޯސްކުރަން، ރައީސް ޔާމީން ވިދާޅުވެބައްލަވާ، ރައީސް ނަޝީދު ވިދާޅުވެބައްލަވާ، އެމްޑީޕީގެ ވެރިން ވިދާޅުވެބައްލަވާ، ރައީސް މުޢިއްޒުކޮންކަމެއްތޯ ކުރެއްވީ މި ގައުމުގެ އިގްތިސޯދު ފުނޑާލަން، މި ގައުމުގެ އިގްތިސާދު ހަރުދަނާ ކުރުމަށް ކުރި މަސައްކަތެއް ރައީސް މުޢިއްޒު ކުރަށްވާފައި، މި ޕާޓީން ކޮށްފައި އޮންނާނީ،'' ޝުޖާޢު ވިދާޅުވެފަވެއެވެ.
ގައުމުގެ ނާޒުކު އިގްތިސާދީ ހާލަތުން އަރައިގަތުމަށްޓަކައި ގިނަ ބަޔަކު ފައިސާ ޗާޕްކުރުމަށް ރައީސަށް ލަފާ އެރުވި ނަމަވެސް، ފައިސާ ޗާޕްކޮށްފިނަމަ ތަކެތީގެ އަގު އިތުރަށް ބޮޑުވާނެކަން އެނގިވަޑައިގަންނަވާތީ ރައީސް އެކަން ނުކުރައްވާ ކަމަށް ޝުޖާޢު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ރައީސް މަސައްކަތް ކުރައްވަނީ ހިކުމަތްތެރިކަމާއެކު ކުރީ ސަރުކާރުން ''ހަޑިކޮށްފައި އޮތް ކަންކަން އިސްލާހު ކުރެއްވުމަށް'' ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިދިކޮޅު ފަރާތްތަކުން ދޮގު ވާހަކަ ދައްކައިގެން ގައުމުގެ އަމަން އަމާންކަން ނަގާލަން މަސައްކަތް ކުރަމުންދާ ކަމަށް ޝުޖާޢު ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވީ ރައީސް މުޢިއްޒަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާ، ރައްޔިތުންގެ ބޭނުންތައް ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!