ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވާރކްޝޮޕެއް ތަރައްޤީ ކުރުމަށް ބެންޒީ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްގެ ފެސިލިޓީތަކާއި މުނިސިޕަލް މަސައްކަތްތަކަށް ބޭނުންވާ ކުދި މަރާމާތުތަކަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމެވެ. މީގެ ތެރޭގައި ވަޑާމާއި ވެލްޑިންގ ފަދަ މަސައްކަތްތައް ކުރުމަށް މުވައްޒަފުންނަށް އެކަށީގެންވާ ވަޞީލަތްތަކާއި ރައްކާތެރި މަސައްކަތުގެ މާހައުލެއް ޤާއިމުކުރުން ހިމެނެއެވެ.

Ad
rt

މި މަސައްކަތުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ވާރކްޝޮޕް އޭރިއާ އާއި އޮފީސް އޭރިއާ ގެ އިތުރުން ފާހާނާ އެވެ. މި ވަޞީލަތްތައް ޤާއިމުވުމުން ކައުންސިލްގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

މި މަޝްރޫޢަކީ ޖުމްލަ 437,555.00 ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. އެއްބަސްވުމުގައިވާ ގޮތުން މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2 އޮގަސްޓް 2026 ގައެވެ. އަދި މަސައްކަތް ނިންމުމަށް ދީފައިވަނީ 120 ދުވަހުގެ މުއްދަތެކެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދަނީ ރަށުގެ ތަރައްޤީއަށާއި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ވާރކްޝޮޕް ނިމުމުން ކައުންސިލްގެ އަމިއްލަ ވަޞީލަތްތައް ބޭނުންކޮށްގެން ގިނަ މަސައްކަތްތަކެއް ކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.