ށ. ނޫމަރާގެ ބަންޑާރަ ބިންތަކުގައި ކައުންސިލްގެ ހުއްދައެއް ނެތި ރުއްގަސް އިންދަމުންދާ ދިއުން ހުއްޓުވުމަށާއި، މިގޮތަށް އިންދާ ރުއްގަހަށް އެއްވެސް ބަދަލެއް ނުދޭނެކަމަށް އެރަށު ކައުންސިލުން އަންގައިފިއެވެ.
ނޫމަރާ ކައުންސިލުން އިއްޔެ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ބަންޑާރަ އެއްވެސް ބިމެއްގައި ރުކެއް ނުވަތަ ގަހެއް އިންދަންވާނީ ކައުންސިލަށް އެންގުމަށްފަހު، ކައުންސިލުން ދައްކާ ސަރަޙައްދުތަކެއްގައި ކަމަށެވެ. އަދި މިގޮތަށް އިންދާ ރުއް ނުވަތަ ގަސް ކައުންސިލްގައި ދަފްތަރުކޮށް، އެކަން ކަށަވަރުކުރުމަކީ އެ ތަކެތި އިންދާ ފަރާތުގެ ޒިންމާއެއް ކަމަށް މީގެކުރިން ކުރި އިޢުލާންތަކުން ވެސް ވާނީ އަންގާފައެވެ.
ނަމަވެސް، ބައެއް ފަރާތްތަކުން ކައުންސިލްގެ މި އެންގުންތަކާ ޚިލާފަށް، ބަންޑާރަ ބިންތަކުގައި ކައުންސިލްގެ އެއްވެސް ހުއްދައެއް ނެތި ރުއްގަސް އިންދަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
މިކަމާ ގުޅިގެން ނޫމަރާ ކައުންސިލުން ބުނެފައިވަނީ، ހުއްދަނެތި މިގޮތަށް އިންދަމުންދާ ރުއްގަހަކީ އެ އިންދާ ފަރާތްތަކުގެ އަމިއްލަ ރުއްގަސް ކަމުގައި ނުބެލެވޭނެ ކަމަށާއި، އެއީ ބަންޑާރަ (ދައުލަތުގެ) ތަކެތި ކަމުގައި ކައުންސިލުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ރަށުގެ ތަރައްޤީގެ އެކި މަޝްރޫޢުތަކަށާއި އެހެނިހެން ބޭނުންތަކަށް މިފަދަ ތަކެތި ނަގަންޖެހޭ ޙާލަތްތަކުގައްޔާއި ކެނޑުމުގައި، އޭގެ ވެރިފަރާތަށް އެއްވެސް ބަދަލެއް ނުދެވޭނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.
މިއަދުން ފެށިގެން ބަންޑާރަ އެއްވެސް ބިމެއްގައި ރުކެއް ނުވަތަ ގަހެއް އިންދަންވާނީ ކައުންސިލަށް އެންގުމަށްފަހު ކައުންސިލުން ދައްކާ ސަރަޙައްދެއްގައި ކަމަށާއި، އަދި މިގޮތަށް އިންދާ ތަކެތި ކައުންސިލްގައި ދަފްތަރު ކުރެވޭކަން ކަށަވަރު ކުރުމަށް ނޫމަރާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!