ސްޓްރަސްބާގަށް ކުޅެމުން އައި އާޖެންޓީނާގެ މިޑްފީލްޑަރު ވެލެންޓިން ބާކޯ، ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޗެލްސީއަށް ސޮއިކޮށްފިއެވެ.

އުމުރުން 21 އަހަރުގެ ބާކޯ ވެގެން ގޮސްފައިވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި ޗެލްސީއާ ގުޅުނު ހަވަނަ ކުޅުންތެރިޔާއަށެވެ.

Ad
rt

މި ސީޒަނުގައި ޗެލްސީން ވަނީ ބާކޯގެ އިތުރުން މޯގަން ރޮޖާސް، ޑެނީ ވެލްބެކް، އެމަނުއަލް އެމެގާ، މެކްސެންސް ލަކްރޮއާ އަދި މާކޯ ޕަލެސްޓްރާ ގެނެސްފައެވެ. ޗެލްސީން ބާކޯ ހޯދުމަށް ހޭދަކުރި ފީ ހާމަކޮށްފައި ނުވި ނަމަވެސް، އޭނާ ވަރަށް އަވަހަށް ޓީމުގެ ޕްރީ-ސީޒަން ޓުއާއާ ގުޅޭނެއެވެ. ޗެލްސީން ދެން އެންމެ އަވަހަށް މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ހޮންކޮންގްގައި އިޓަލީގެ ޔުވެންޓަސްއާ ދެކޮޅަށެވެ.

ބާކޯއަކީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ޓީމުގައި ހިމެނި އެއް މެޗު ކުޅެފައިވާ ކުޅުންތެރިއެކެވެ. އެ މުބާރާތުގެ ފައިނަލުގައި އާޖެންޓީނާ ބަލިވީ ސްޕެއިން އަތުންނެވެ. އަދި ސެމީ ފައިނަލުގައި އިންގްލެންޑް އަތުން އާޖެންޓީނާ މޮޅުވި މެޗަށްފަހު، ޖޫޑް ބެލިންހަމް އާއި ބާކޯއާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ބެލިންހަމް އޭނާގެ މޫނުމަތީގައި ޖެހި ހާދިސާއަކީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމެކެވެ.

ބޮކާ ޖޫނިއާސްގެ އެކަޑަމީން އުފެދުނު ބާކޯ އެންމެ ފުރަތަމަ އިނގިރޭސި ޕްރިމިއާ ލީގަށް އައީ 2024 ވަނަ އަހަރު 7.9 މިލިއަން ޕައުންޑަށް ބްރައިޓަންއާ ގުޅުމަށެވެ. ނަމަވެސް ބްރައިޓަންގައި އެއް އަހަރު ހޭދަކުރުމަށްފަހު، ލޯނު އެއްބަސްވުމެއްގެ ދަށުން ސްޓްރަސްބާގަށް ބަދަލުވެ، އެ ޓީމުގައި ދެއްކި މޮޅު ކުޅުމާއެކު އޭނާ ވަނީ އެ ކްލަބަށް ދާއިމީކޮށް ބަދަލުވެފައެވެ.

ބާކޯއަކީ މި ފަހަރުގެ ޓްރާންސްފާގައި ސްޓްރަސްބާގުން ޗެލްސީއާ ގުޅުނު ދެވަނަ ކުޅުންތެރިޔާއެވެ. ޓޮޑް ބޯލީ އަދި ކްލިއަރލޭކް ކެޕިޓަލްގެ މިލްކުވެރިކަމުގެ ދަށުގައި އޮންނަ މި ދެ ކްލަބުގެ ދެމެދުގައި މިދިޔަ ސީޒަނުން ފެށިގެން މިހާތަނަށް 13 މުއާމަލާތެއް ވަނީ ހިންގާފައެވެ.